ކައުންސިލް އިންތިޚާބަށް ޖޭޕީގެ ޓިކެޓް ހޯދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޭޕީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެނޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ޖޭޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 20:20ގެ ކުރިން ޕާޓީގެ މައި އޮފީހަށް، ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީން ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު، މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށްވާންޖެހޭ ތައްޔާރީތަކުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ވަނީ ހާއްސަކޮށްފަ އެވެ.
