މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުން – ހޯމްމިނިސްޓަރ
މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސް ބަސް ރައްދުކޮށް، ފުރައްސާރަކޮށް މަލާމާތް ރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް މަދުން ނަމަވެސް ހިންގުންކަމުގައި ހޯމްމިނިސްޓަރ އައްޝައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހެންވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ
މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ދިވެހި ޤައުމު ނަގަހައްޓާ، ރައްޔިތުންގެ ސުލުޙަ މަސްލަހަތު ޤާއިމްކޮށް، ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓާ ރައްޔިތުންގެ ވަހުދަތު ޤާއިމްކުރެވޭނީ ޤައުމުގެ ހުރިހާ އަފްރާދުން އެއަޞާސްތަކެއްގެ މައްޗަށް އެއްބައިވަންތަ ކުރުވާ ޒިކުރާތައްއަބަދުމެ ހަނދާން އާކޮށް ދިރުވާ އާލާކޮށްގެންކަމަށެވެ. ދިވެހިންނަކީ ކިޔަމަންތެރި ސުލުހަވެރި، އެންމެން އެކުގައި އުޅެން ބޭނުންވާ އެއްބައިވަންތަ ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހައްޤުގޮތް ސާފްވެ ބަޔާންވުމުން އެގޮތް ޤަބޫލުކުރުމުގައި ފަސްޖެހުމެއްނެތި ވަގުތުން އަމަލުކުރުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިގަ އަށަގެންފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެ އިސްލާމްވެގެންދިޔަގޮތުގެ ޙާދިސާއަކީ އެހާދިސާއިން ގިނަގުނަ ޢިބްރަތްތަކަކާ ފިލާވަޅުތަކެއް ހާޞިލްކުރެވޭނެ ހާދިސާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ މުޙިއްމު އެއްފިލާވަޅަކީ ދީނަށް ގޮވާލުމުގައި ނުވަތަ ދަޢުވަތު ދިނުމުގައި ހާލަތަށް ރިޢާޔަތްކޮށް ހިކުމަތާއި، ބުއްދި އިސްކޮށް، ޤަބޫލުކުރަން ފަސޭހަވާނެ ބީދައިން ދަޢުވަތު ދިނުންކަމަށެވެ.
ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މާތްވެގެންވާ އިސްމާލްދީން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށެވެ. އެކަމަަށްހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދުމަކީ ސަރުކާރާއި، ޢިލްމްވެރީންގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވި ދިވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. ރަސްމިއްޔާތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
