ދީނީ ޢިލްމުވެރިންނަކީ ހަނގުރާމައަށްދާން ގޮވާލާ ބައެއްކަމަށް ނަޝީދު ސިފަކުރައްވައިފި
ދީނީ ޢިލްމުވެރިންނަކީ ހަނގުރާމައަށްދާން ގޮވާލާ ބައެއްކަމަށަް ނަޝީދު ސިފަކުރައްވައިފިއެވެ.
މި މޭރުމުން ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ނަޝީދުގެ ވާހަކަފުޅުގައި ބޮޑަށް ހަމަލާ ދެއްވާފައިވަނީ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޟް އަށެވެ. އެގޮތުން ޑރ. އިޔާޟް އަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން، ވިދާޅުވެފައިވަނީ ޑރ.އިޔާޟް އަޅުގަނޑަށް އަލުން އިސްލާމްދީނަށް ވަންނަން ދަޢުވަތު ދޭން ނުޖެހޭނެކަމަށެވެ.
އަޅުގަނޑު މިހުރީ އިސްލާމް ދީންމަތީގައި ކަމަށާއި އަދި ރާއްޖޭގެ އެހެނިހެން މީހުންވެސް ތިބީ އިސްލާމްދީން ޤަބޫލުކޮށްގެން ކަމަށާއި ދެން ބަޔަކު އައިސް އިސްލާމްދީނަށް އަލުން ވަންނަން ގޮވާލަން ނުޖެހޭނެކަމަށާއި އެއީ ހަނގުރާމައަށް ގޮވާލާ ބައެއްކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
މިކަމާއިގުޅިގެން ޑރ.އިޔާޟްވެސް ވަނީ ނަޝީދަށް ރައްދު ދެއްވާފައެވެ.
މިކަމާއި ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ކުރިން ހަދީސް ކުރައްވާފައި ވަނީ، އެކަލޭގެފާނުގެ ޕަރާތްޕުޅުން އެންމެ އާޔަތެއްގެ މިންވަރުވެސް އަނެކުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި އުންމަތުގެ މީހުން އެންމެ ހެޔޮ ބައެއްގެ ގޮތުގައި ލައްވާފައި ވަނީ މިއުންމަތުގެ މީހުންނަކީ ނުބައި ކަންކަން ނަހީކޮށް ހެޔޮ ކަންކަމަށް ބާރު އަޅާ މީހުން ކަމުގައި ވުމުން ކަމަށް ޑރ. އިޔާޒްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން “ކިތަންމެ ކޯފާ އިސްކުރިޔަސް” ﷲގެ ދީން މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި ދެމި ހުންނާނެ ކަމަށާއި، އަދި ރައީސް ނަޝީދުގެ “ސުމްޕާ”ކަމުން މި ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމަށް އެދި ދުއާ ކުރައްވާނެ ކަމަށާއި އަދި ކުރާ މަސައްކަތުގެ މަތީގައި ދެމި ހުންނާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

