ޚަބަރު

ޑެންގޫ ކޮންޓްރޯލް ކުރުން އަހަރެންގެވެސް ޒިންމާ – ލަންދޫގައި ޚާއްޞަ ކެމްޕެއިނެއް

ޑެންގީ ނުވަތަ ޑެންގޫ ޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ ނުރައްކާތެރި ހިސާބަކަށް އެކަން ދިޔުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމަށް ނ.ލަންދޫގައި ޚާއްޞަ ޙަރަކާތްތަކެއް އެރަށު ހެލްތްސެންޓަރުން އިސްނަގައިގެން ފަށައިފިކަމަށް މައުލޫމާތު ދީފިއެވެ.

ނ.ލަންދޫގައި މިހާރު ގާތްގަޑަކަށް ދުވާލެއްގެ މައްޗަށް 5 ނުވަތަ 4 މީހުން އެވްރެޖްކޮށް ހުންޖެހިގެން ހެލްތްސެންޓަރަށް ދައްކަމުން ދާއިރު އިއްޔެއާއި ހިސާބަށް ޖުމުލަ 39 ފަރާތެއް ޑެންގީއަށް ޕޮޒިޓިވް ވެފައިވާކަމަށް ލަންދޫ ހެލްތްސެންޓަރުން މައުލޫމާތު ދެއްވިއެވެ.

ރަށުގެ މުވައްސަސާތައް ގުޅިގެން ޓާސްކް ފޯހެއް އެކުލަވާލައިގެން ރަށުގެ ގެތަކަށް ޒިޔާރަތްކޮށް އިއްޔެވަނީ ކަމާބެހޭ ޚާއްޞަ މަޢުލޫމާތު ރައްޔިތުންނަށް ދީފައެވެ. އަދި އެޕްރޮގްރާމް ހުއްޓައިނުލައި ކުރިއަށް ގެންދާނެކަމަށް ލަންދޫ ހެލްތްސެންޓަރުން މައުލޫމާތު ދެއްވައެވެ.

ލަންދޫ ހެލްތްސެންޓަރުން އެތާންގެމެނޭޖަރ އަލްފާޟިލް ޖައުފަރު ރަޝީދު ނާރެސް މީޑިއާ އާއި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ ޑެންގީއިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ޑެންގީ ޖައްސާ މަދިރި ނައްތާލުން ކަމަށެވެ. އެގޮތުން މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާ ގޮތަށް ހެދުން ވަރަށް މުހިންމު ކަމަށާއި މަދިރި ހެފުމުން ދުރުވުމަށްޓަކައި މޮސްކިޓޯ ރިޕެލެންޓް ކްރީމް ނުވަތަ ލޯޝަން ލުމާއި ދޫ އަދި އަތްދިގު ހެދުން ލުމާއި މަދިރި ދުންދަނޑި ނުވަތަ ކޮއިލް ބޭނުން ކުރެވިދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށްވެސް ޓާސްކުފޯސްގެ ފަރާތުން ގޭގެއަށް ގޮސްދެނީ އެފަދަ މަޢުލޫމާތު ކަމަށެވެ. އަދި ޑެންގީ ހުމުގެ އެއްވެސް އަލާމާތެއް ފެނުމުން ވީހާ އަވަހަށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ފަރުވާ ހޯދުން ވަރަށް މުހިއްމު ކަމަށާއި ރަނގަޅު ފަރުވާ ނުހޯދިއްޖެނަމަ ޑެންގީ ޖެހިފައިވާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ ރައްޔިތުންނަށް އެފަދަ މައުލޫމާތު ފޯރުކޮށްދީ ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ފެއްޓެވީ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ފަރާތުން މިކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ލަންދޫ ރައްޔިތުންނަށް ލަންދޫ ހެލްތްސެންޓަރުގެ ފަރާތުން ޝުކުރުއަދާކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close