ރައްޔިތުންގެ އެންމެބޮޑު ގޮވާލުމަށް ސަރުކާރުން ދެނީ ބީރުކަންފަތެއް – ޝައިޚް ޢަލީ ޒައިދު
މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ އެންމެބޮޑު ގޮވާލުމަށް ސަރުކާރުންދެނީ ބީރު ކަންފަތެއްކަމުގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާ ތަނަށް ރާއްޖެ ގެ އެންމެ ބޮޑު ގޮވާލުން “ބޭންއެމްޑީއެން” އަށް 112 ކައުންސިލުން ، 15 ހާސް މީހުން ގެ ޕެޓިޝަނުން، 200،000 ޓްޥީޓްސްއިން ގޮވާލައިފައި ވީނަމަވެސް، އަދިވެސް ވެރިން ވަނީ މިގޮވާލުމަށް ބީރު ކަންފަތެއް ދީފައިކަމަށެވެ.
އަދި ޝައިޚްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމުގައި ހަގީގަތުގައި ސަރުކާރުން ލަދު ގައްނަން ޖެހޭނެ ކަމަށެވެ. ސަރުކާރު 6 ކަ މީހުންގެ ދަށުވެފައިއޮތް ކަމަށް ޝައިޚްވަނީ މިޓްވީޓްގައި ސިފަކުރައްވާފައެވެ.
ޝައިޚް މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު އިސްލާމްދީނަށާއި، ކީރިތި މާތްނަބިއްޔާ އަށާއި، ކީރިތި ޤުރުއާނަށް ހަޖޫޖަހައި އެމްޑީއެންއިން ރިޕޯޓެއް ނެރުމުން އެޖަމާޢަތާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިތާ މިއަދަށް މިވަނީ 20 ދުވަސްވެފައެވެ.
ފުލުހުންނާއި، ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވުން ފިޔަވައި އިތުރުކަމެއް ވީކަމެއް އަދި މިހާތަނަށް އެނގިފައެއް ނެތެވެ.