ޚަބަރު

ހަރުކަށި ފިކުރަށް ތާއީދުކޮށް ގޮވާލާ ދިވެއްސަކު ހައްޔަރުކޮށްފި

ޓެރަރިސްޓު ޖަމޢާތްތަކުގެ ނިޝާންތަކާއި ލިޔެކިއުންތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ހާމަކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރަރިސްޓު ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިއުންތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ހާމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އަނިޔާވެރި އަމަލު ހިންގުމަށް ގޮވާލާ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރައްވާފައިމިވަނީ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅު އަޅާފަދައިން މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފައިވާ ދަނޑިވަޅެއްގައެވެ. ސީޕީ ހަމީދު ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކޮށް އަދި އިސްލާމްދީނާ ދެކޮޅު ވާހަކަ ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާކަމަށާއި، ހަމައެފަދައިން އިންޒާރުދޭ މީހުންނާމެދުވެސް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތަކީވެސް ޓެރަރިޒަމްގެ ޢަމަލުތައްކަމަށް ކަނޑައަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ، މިމަހުގެ 10 ވަނަ ދުވަހުއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close