އެމްޑީއެންގެ ރިޕޯޓަކީ މެދުމިނަށް ތާއިދުކޮށްގެން ނެރުނު ރިޕޯޓެއްނޫން – ޝައިޚް ސަމީރު
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން ”ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ މި ނަމުގައި ނެރެފައިވާ ރިޕޯޓަކީ މެދުމިނަށް ތާއިދުކޮށް ނެރެފައިވާ ރިޕޯޓެއް ނޫންކަމަށާއި، އެއީ ކުފުރަށް ތާއީދުކޮށް ނެރެފައިވާ ރިޕޯޓެއްކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ޝެއިޚް ސަމީރު އެ ޓްވީޓް ކުރައްވާފައިވަނީ ރިޕޯޓާ ގުޅޭގޮތުން ތަފާތު ފަރާތްތަކުން އޭގެ މަޤުޞަދާއި، އޭގެ ޙަޤީޤަތް އޮޅުވަމުންދާތީ، އެ ރިޕޯޓުގައިވާ ކަންކަން ފާހަގަކޮށް ޖަމްޢިއްޔަތުއްސަލަފުން ނެރެފައިވާ ބަޔާނެއް އެޓޭޗް ކުރައްވާފައެވެ.
އެ ބަޔާނުގައި ވާގޮތުން، އެރިޕޯޓަކީ ”މި ދިވެހި ފަސްގަނޑުން އިސްލާމް ދީން ފުހެލައި، ދިވެހިރާއްޖޭގައި ސެކިއުލާ ވެރިކަމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ފާޅުވެގެންވާ ހެއްކެއްކަމާއި، އެހާމެ ނުރައްކާތެރިކަން ބޮޑު، އަދި މުޖްތަމަޢުގެ ޞުލްޙަމަސަލަސްކަމާއި އަންމަންއަމާންކަން ނަގައިލާފަދަ އެތައް ވާހަކަތަކެއް އެކުލެވިގެންވާ ލިޔުމެއެއް ކަމަށް ސަލަފުގެ ބަޔާނުގައިވެއެވެ.
މިރިޕޯރޓުގެ ނުރައްކާތެރިކަން ކޮންމެ ދިވެހި ރައްޔިތަކަށްމެ އެނގުމީ ދިވެހި ރައްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި ލާޒިމުކަމަކަށްވީހިނދު، މިރިޕޯޓުން ފާހަގަވާ ބައެއްކަންކަން ދިވެހިރައްޔިތުންގެ ސަމާލުކަމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން ހާމަކުރައްވާ ކަމަށްވެސް ސަލަފުގެ ބަޔާނުގައި ވެއެވެ.
ރިޕޯޓް ނެރުމާއި ގުޅިގެން ޢާއްމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވެރިވެފައިވާއިރު ރައީސް ސޯލިޙް ވިދާޅުވެފައިވަނީ ރިޕޯޓް ނެރުނު މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

