މައްސަލަތަކެއް ބެލުމަށްފަހު ކަސްޓަމްސްއިން ޚިޔާނާތުގެ ތުހުމަތު ކޮށް ބޭފުޅަކު ވަކިކޮށްފި
ކަސްޓަމްސްގެ އިސްމުވައްޒަފުންގެ މެދުގައި ޚިޔާނާތާއި ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދާކަމުގެ ތުހުމަތުކޮށް މައްސަލަތަކެއް ބެލުމަށްފަހު އެތާންގެ އިސް ބޭފުޅަކު ވަކިކޮށްފިއެވެ.
ވަޒީފާ އިން ވަކިކޮށްފައިވަނި ސީނިއާ ސުޕްރިންޑެންޓެއްގެ މަގާމުގައި ހުރި މުއާޒް އަލީ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާއިރު ކަސްޓަމްސްއިން އޭނާގެ ވަނަވަރެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މުއާޒް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްގައި ޚިދުމަތްވެސް ކުރައްވައިފައެވެ. މުއާޒް ހުންނެވީ ސީޕޯޓް ޑިވިޝަންގެ ހެޑްގެ މަގާމުގައެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައެއްގައި ސީނިއާ މުވައްޒަފަކު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ހާމައެއް ނުކުރެއެވެ. އަދި އޭނާ ވަކިކުރީ ކޮން މައްސަލައެއްގައި ކަމެއްވެސް އޮފިޝަލް ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ ތަހުގީގް ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

