ޚަބަރު

ވައުދުފުޅުތައް ފުއްދެވުމަށް އެއްވެސް ކަމެއް ކުރައްވާތަން ނުފެނެ – ރައީސް ޔާމީން

މިސަރުކާރުން ވީ ވައުދުފުޅުތައް ފުއްދެވުމަށް އެއްވެސް ކަމެއް ކުރައްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ކޯލިޝަނުން “ދަވާލައިފި”ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ، އެންމެ ހިތްގައިމު ތިއޭޓަރަކަށް ގޮސް ސްކްރީނަށް ބަލަހައްޓައިގެން ތިއްބާ އެންމެ މަގުބޫލު ފިލްމު އަންނަނީ، އަންނަނީ ކިޔާ ފަދައިން މި ސަރުކާރުން ޤައުމުގައި ހިންގަން ބުނި ތަރައްގީގެ މަޝްރޫއުތައް ވެސް ‘އަންނަނީ، އަންނަނީ’ ކަމަށް ވިދާޅުވާ މަންޒަރު ނޫން ކަމެއް ނުފެންނަކަމަށެވެ.

އަދި ކަން މިހެން ވުމުން ރައްޔިތުންގެ ގާތަށް އަންނަނީ ހިނި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިދިކޮޅު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހްލާސްތެރިކަމުގެ ކަންފުޅެއް ވެސް ހުރިނަމަ ރަށްރަށަށް ވަޑައިގެން، ވެ ވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކޮންމެ ކަމެއް ނުވެ އޮންނަނީ ކުރީގެ ސަރުކާރުން އެކަމެއް ނުކުރީމައި ކަމަށް މިސަރުކާރު ބުނާ ކަމަށެވެ. އެގޮތުން، ތަރައްގީގެ މަޝްރޫއުތައް ނުހިންގިގެން އުޅެނީ ކުރީ ސަރުކާރުން ‘ތަރައްގީގެ ފޮތް ބާއްވާފައި ނެތީމައި’ ކަމަށް ބުނާ ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުގެ ތަރައްގީގެ ވިސްނުމަކީ ޖަޒީރާ ވިސްނުމެއް ނޫން ކަމަށާއި، އަދި ގޮނޑުދޮށުގައި މަސް ފެކްޓްރީ ހެދުމަށް ވިސްނުންވެސް ނޫން ކަމަށެވެ.

އަދި ކުރީގެ ސަރުކާރުން ވިސްނީ ބްރިޖް އެޅުމަށާއި، 25 ބުރީގެ އިމާރާތް ކުރުމަށާއި އޭ 380 ޖައްސާ ވަރުގެ ރަންވޭތައް އެޅުމަށް ކަމަށް ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުން ނިންމީ މެދު އުޑުގައި ފިޔަ ޖެހަން ކަމަށެވެ.

ރޭގެ އެއްވުމުގައި ޕީޕީއެމްއާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން އާންމު ބައެއް މެންބަރުން ބައިވެރިވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close