ޚަބަރު

ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެމާއެކު  ރައްޔިތުންގެ މަޖިލީހުން އެނަންފުޅުތައް ދިރާސާ ކުރެއްވުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވެވުމުން އެނަންތައް ކޮމެޓީން ދިރާސާ ކުރައްވައި ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުން ފާސްކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރާލްދާ އާއި ޝުޖޫން އައްޔަން ކުރެއްވުމަށް ޖޭއެސްސީން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލަފާ އެރުއްވެވީ ސްޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލެއްވި ހައިކޯޓުގެ 4 ފަނޑިޔާރުންނާއި ރައީސް ލަފާފުޅަކަށް އެދިވަޑައިގެން ނަން ފޮނުއްވެވި ދެބޭފުޅުންނާ ވެސް ވަކިވަކިން އިންޓަރވިއު ކުރެއްވުމަށްފަހުގައެވެ.

ފަނޑިޔާރުންގެ ޤާނޫގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ލާފާދެއްވާފައިވާ ޑރ.އަޒްމިރާލްޑާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި އައިޝާ ޝުޖޫން އަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދާދިފަހުން އުފެދުނު ޤާނޫނީ ވަކީލުންގެ ކަންކަން މޮނިޓަރކުރާ ބާ ކައުންސިލްގެ މެންބަރެކެވެ. މީގެ އިތުރުން އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ)އަށް ދެފަރު އިންތިޚާބުވެވަޑައިގެންނެވި އައިޝާ ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޟީވެސްމެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close