ރިޕޯޓް

ލިޔުންތެރިންގެ ދުވަސް – ލިޔުންތެރިންނަށް ޤައުމީ އިލްތިމާސެއް!

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ. އެނގިފައިވާގޮތުގައި އެދުވަސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ ނެރުނު މަޖައްލާ “އަލްއިޞްލާޙް”ގެ ފުރަތަމަ ޢަދަދު ވުޖޫދުވެފައިވަނީ އެދުވަހު ކަމުގައިވުމެވެ.

އަދަބިއްޔާތު ނުވަތަ ލިޔުންތެރިކަން ދިވެހިން ދެކެފައިނުވާ ޒާމަނެއް ނެތެވެ. ނަމަވެސް ރަސްމީސިފައެއްގައި ލިޔުންތެރިކަން ފެށިގެން އައިފަހުން މިއަދަށްމިވީ 86 އަހަރެވެ. އެއީ 8 ޖުލައި 1933 ގައި ޗާޕްކުރެވުނު ފުރަތަމަ މަޖައްލާ ނެރުނު ދުވަހުން ފެށިގެން ބަލާނަމައެވެ.

ލިޔުންތެރިންނަކީ ވަރަށް މުހިއްމު ބައެކެވެ. އެމީހުންގެ މުހިއްމު ކަން އެނގޭނީ އެމީހުންގެ ލިޔުންތަކާމެދު އަދި އެލިޔުންތަކުގެ ސަބަބުން މުޖުތަމަޢުއަށް އަންނަމުންދާ ނުވަތަ އަތުވެދާނެ ބަދަލުތަކާމެދު ވިސްނާބަޔަކަށެވެ. މުޖުތަމަޢުގެ އަފުރާދުންގެ ފިކުރާއި، ވިސްނުމާއި އެންމެފަސޭހައިން ކުޅެލެވޭނެ ބަޔަކީ ލިޔުންތެރިންނެވެ. އެމީހުންގެ ޤަލަމުން ހާމަކުރަމުންދާ ޚިޔާލުތަކާއި، ޝުޢޫރުތަކަކީ އޭގައި އޮށްޓަރެއްހުރެ ޢާއްމުވިސްނުމުން ވިސްނާ ބަޔަކަށް ފަސޭހައިން ޤަބޫލުކުރެވޭގޮތަށް ހުރި މަޢުލޫމާތު ތަކެއްކަމުގައިވާނަމަ އަދި މާފަސޭހައިން މީހުންގެ ސިކުނޑިއާއި، ކުޅެލެވޭނެއެވެ. މިއީ ޤަބޫލުކުރިޔަސް ނުކުރިޔަސް ކަމުގެ ޙަޤީޤަތެވެ.

ލިޔުންތެރިންނަކީ ޤައުމުގެ މާޒީކުރަހަދޭ މީހުންނެވެ. އެމީހުންނަކީ މިއަދުގެ ޙާލަތު ބަޔާންކޮށްދޭ ޒިމާން އުފުލަންޖެހޭ މީހުންނެވެ. އަދި ކުރީގެ މާޒީއާއި، އަދުގެ ޙާލަތަށް ރިޢާޔަތްކޮށް ޤައުމުގެ ކުރިމަގުވެސް ބައްޓަން ކުރާނީ އެމީހުންނެވެ. އެމީހުންގެ ލިޔުންތަކުގެ ޒަރީޢާއިންނެވެ. އެހެނީ އެހުރިހާކަމެއް ހޯދައި ބަލާބަޔަކީ އެމީހުންކަމުގައިވުމެވެ. އަދި އެކަން ކުރެވޭނީ އެމީހުންނަށް ކަމުގައި ދެކޭގިނަބަޔަކު މިމުޖުތަމަޢުގައި ދިރިއުޅެމުންދާކަމެވެ.

ލިޔުންތެރިންގެ ދުވަހުގެ މުނާޞަބަތަކުގައި ހުރިހާ ލިޔުންތެރިންނަށް ޤައުމީ އިލްތިމާސްތަކެއް އެބަހުއްޓެވެ. ޤައުމުގެ ޙާލުގެ ދުލުންބުނަނީ މިފަދައިންނެވެ. އޭ ލިޔުންތެރިންނޭވެ. ތިޔަބައިމީހުން އަހުރެންނާއިމެދު ހޮޔޮކޮށް ހިތާށެވެ. ލިޔާ ލިޔުންތަކުގައި ދޮގާއި މަކަރާއި، ޙީލަތުގެ ވިސްނުން ނުހިމަނާށެވެ. ތިމާއަށް އެނގޭ މަޢުލޫމާތު ހުށަހަޅާށެވެ. ނޭގޭނަމަ ނޭގެއޭ ބުނަން ފަސް ނުޖެހޭށެވެ. ސާފު ބަހުރުވައިން އޮޅުންފިލާނޭހެން ލިޔާށެވެ. ތެދުދޮގު ހާމަކުރުމުގައި ފަސްނުޖެހޭށެވެ. މިފަދައިންނެވެ.

އާދޭހެވެ. ލިޔުންތެރިކަމަކީ މުޖުތަމައުގެ އެއްބައިވަންތަކަމާއި، މަސްލަޙަތު އެކަމެއްގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވާ އެކައްޗެވެ. ލިޔުންތެރިންގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނަގައިފިނަމަ ދިވެހި ބަހާއި، ޤައުމިއްޔަތާއި، ސަޤާފަތާއި، އާދަކާދައާއި، އިސްލާމްދީނާއި، ދިވެހި ޤައުމުގެ ދިފާއުގައި ތެދުވާންތިބި ދިވެހި ދަރީން އެމީހުންގެ ފިކުރާއި، ޚިޔާލުތައް އެއްދިމާއަކަށް ބައްޓަންވެ ޤައުމުގެ އިޖްތިމާޢީ ވިޔުގަ ސީދާވެ ހަމަމަގަށް އެޅިދާނެއެވެ.

ދުލާއި ޤަލަމުގެ ލަގަން ހިފަހައްޓަން ނޭގޭ ލިޔުންތެރިންނާއި، ޙަޤިޤަތް ފޮރުވައި ދޮގު ތެދަށް ހަދައި އަދި ތެދު ދޮގަށް ހަދާ ނޫސްވެރިންނާއި، ރުއްގިނަކުރުމަށް އަނގަ ގަދަ ކުރާ ޖާހިލުންނާއި، މިނިވަންކަމާއި ދީން ފަސާދަ ކުރުމަށް މަސައްކަތް ކުރާ މުޝްތަޝްރިގުންނާއި ކެހިވެރިންގެ މަޅިތަކަށް މަޑުމަޑުން ފެތެމުން ދާކަމީ މިއަދު ސަލާމަތް ބުއްދިއެއްހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެކަމެކެވެ.

އެހެންކަމުން ދުވަހުގެ މުނާޞަބަގައި ހަމައެކަނި ލިޔުންތެރިންނަށް މިގޮވާލަނީ ތިޔަބޭފުޅުންނަކީ ވަރަށް ބާރުގަދަ ބައެއްކަމަށްވާއިރު ތިޔަބޭފުޅުންގެ ތިޔަބާރުގެ ބޭނުން އެދެވޭގޮތުގައި އަމާނާތްތެރިކަމާއި އެކު އަދި ޙިކުމަތްތެރިކަމާއިއެކު ހިފުމަށެވެ. ތެދުވެރި ، އޮށްޓަރުހެޔޮ ލިޔުންތެރިކަމެއް ބިނާކުރެވޭނީ އޭރުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close