ހިތްވަރުފުޅުގަދަ އިސްލާމީ ލީޑަރ މުޙައްމަދު މުރުސީ އަވަހާރަވެއްޖެ
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވަހާރަވެއްޖެ އެވެ. މުރުސީ، އަވަހާރަވީ އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ.
މުރުސީ އަވަހާރަވީ ހަބަރު މިސްރުގެ ގައުމީ ޓީވީއިން އިއުލާން ކުރަމުން ބުނީ، އެމަނިކުފާނު އަވަހާރަވީ ކޯޓްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު މުރުސީ އަނބުރައިގަނެގެން ވެއްޓި ވަޑައިގަތުމުން ފަރުވާދެނިކޮށް ކަމަށެވެ.
މުރުސީ އަކީ، ހުސްނީ މުބާރަކުގެ ވެރިކަން ރައްޔިތުން ބަދަލު ކުރުމަށް ފަހު، 2011 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބަކުން އެ ގައުމުގެ ރައީސްކަމަށް ވަޑައިގެން ބޭފުޅެކެވެ. އެހެން ނަމަވެސް، 2013ގެ ޖުލައި މަހު އެ ގައުމުގައި ކުރި މުޒާހަރާތަކަކަށް ފަހު ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައި މުރުސީ ވެރިކަމުން ދުރުކޮށް އޭނާގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި އެވެ.
އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމާއި މީހުން މެރުމުގެ ހަ ދައުވާއެއް އުފުލާފައިވާ އިރު، މީގެ ކުރިން ހިންގުނު އެކި ޝަރީއަތްތަކުގައި އޭނާ ހުންނެވީ 26 އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
މުރުސީއަށް ވެރިކަން ކުރެއްވުނީ، ހަތަރު އަހަރުގެ ރިޔާސީ ދައުރުގެ ތެރެއިން އެންމެ އަހަރެއްގަ އެވެ.
މުރުސީ ނިސްބަތްވާ މުސްލިމް ބުރަދަހޫޑް ޖަމާއަތް ވެސް މިސްރުގައި މަނާކޮށް، ވެރިކަމުން ދުރުކުރި ދުވަހުން ފެށިގެން ވެސް އޭނާ ހުންނަވަނީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.
މާތް ﷲ މުރުސީގެ ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލަހައްޓަވާށި. އާމީން



