އިސްރަށްވެހިން ހަރަކާތްތެރިކުރުވަން ޚާއްޞަ ޕްރޮގްރާމެއް ހިންގަނީ
ޢުމުރުންދުވަސްވީ އިސްރަށްވެހިން ހަރަކާތްތެރިކުރަން ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީ އާއި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާއާއި، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕާ ގުޅިގެން ފަށާ މި ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ވިލިމާލެ ސޯޝަލް ސެންޓަރުގަ އެވެ.
މިޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ މި ޕްރޮގްރާމަކީ އިސްރަށްވެހިންނާއެކު ހިތްގައިމު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފަށާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ޕްރޮގްރާމްތައް އިތުރު ކުރާނެ ކަމަށާއި އިސްރަށްވެހިންގެ ޖަމިއްޔާއަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ބަދުރުއްނަސީރު ވިދާޅުވީ އިސްރަށްވެހިންގެ އަގުވަޒަންކުރަން ސަރުކާރުން މަސައްކަތްކުރާތީ އުފާ ކުރައްވާ ކަމަށެވެ. އަދި ޖަމިއްޔާ އުފެއްދިތާ ގާތްގަނޑަކަށް 5 އަހަރަށްވުރެ ދުވަސްވެފައިވާއިރު އަދި މިހާތަނަށް އެ ޖަމިއްޔާއަށް މާބޮޑު ކަމެއް ކުރެވިފައި ނެތް ކަމުގައިވެސް ވިދާޅުވި އެވެ. އެހެން ކަމުން ޔޫތު މިނިސްޓްރީން އެ ޖަމިއްޔާއަށް އެއްބާރުލުން ދިނުމަށް ނިންމީތީ ބަދުރު ވަނީ މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ބަދުރު އިތުރަށް ވިދާޅުވީ އިސްރަށްވެހިންގެ ޖަމިއްޔާއިން ކުރިއަށް އޮތް ދުވަސްތަކުގައި ކުރާ މަސައްކަތްތަކުގައިވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިސްރަށްވެހިންގެ އަގުވަޒަން ކުރުމަށް ހިންގާ މި ޕްރޮގްރާމުގައި ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. މީގެތެރޭގައި ދުޅަހެޔޮ ސިއްހަތެއް ދަމަހައްޓަން ކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި، އިޖުތިމާއީ ކުޅިވަރުތައް ވެސް ހިމެނެ އެވެ. މީގެއިތުރުން ހަދިޔާ ބަދަލުކުރުން ވެސް ހިމެނެ އެވެ.
ޔޫތު މިނިސްޓްރީން ފަށާ މި ޕްރޮގްރާމްގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވާނެ އިސްރަށްވެހިން ހޯދުމާއި އެ މީހުން ވިލިމާލެއަށް ގެންދަން މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.


