ވަޅިޔާ، ސަމުސަލާ، އިސްކުރު އަނބުރާ ކަށިގަނޑާއި އަދިވެސް އިތުރު އާލަތްތަކެއް މީހެއްގެ ބަނޑުން ނަގައިފި
ބަދިގޭގައި ގެންގުޅޭވައްތަރު ( ކިޗަންނައިފް ) ވަޅިޔަކާއި، 8 ސަމުސަލާ، އިސްކުރު އަނބުރާ 2 ކަށިގަނޑަކާއި ދަތްއުނގުޅާ 2 ބުރުހާއި، ދޮރުފަތުގައި ހަރުކުރާވައްތަރުގެ އަތްގަނޑުލީ ތަޅެއްގެ ބައެއް ، މީހެއްގެ ބަނޑުތެރެއިން މިދިޔަ ހުކުރުދުވަހު ނަގައިފިއެވެ.
އިންޑިއާގެ ހިމަޗަލް ޕްރަދޭޝްގެ ކުޑައަވަށެއްގައި އުޅުނު ސިކުނޑީގެ އުނިކަމެއް ހުންނަ ޢުމުރުން 35 އަހަރުގެ ކަރން ސެން ނަމަކަށް ކިޔާ މި ފިރެހެން މީހާ ކްލިނިކަށް ދިޔައީ ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމަށެވެ.
ސަންޑަރ ނާގަރުގައި ހުންނަ އާދައިގެ އެކްލިނިކަކުން ޕްރައިމަރީ ޑައިގްނޯސް އެއް ހެދުމަށްފަހު އޭނާދެން ބަދަލުކުރީ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ ލާލު ބަހާދުރު ގަވަރމެންޓް މެޑިކަލް ކޮލެޖް އަށެވެ.
އެ ހޮސްޕިޓަލުން އެކްސްރޭ ނެގުމަށްފަހު އޭނާގެ ބަނޑުގައި މިތަކެތި ހުރިކަން ޑޮކްޓަރުންވަނީ ކަށަވަރު ކޮށްދީފައެވެ.
އޭގެ ފަހުގައި ޑޮކްޓަރުންގެ ޓީމަކުން އޭނަގެ އޮޕަރޭޝަން ކުރިއަށް ގެންގޮސް ބަނޑުގައި ހުރި ސާމާނުތައް ނެގީއެވެ.
ޑޮކްޓަރުންގެ ޓީމްގެ އިސްމީހާ ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވަނީ މިއީ ވަރަށް މަދުންނޫނީ ނުފެންނަ ބޮޑު ކޭސް އެއްކަމަށެވެ. އަދި މިއޮޕްރޭޝަން ކާމިޔަބުވުމުން ވަރަށް އުފާވިކަމަށެވެ.
އޮޕަރޭޝަނަށްފަހު މިހާރު އެމީހާގެ ޙާލު ރަގަޅު ވަމުން އަންނަކަމަށްވެސް މިޚަބަރު ގެނެސްދީފައިވާ އެންޑީޓީވީ.ކޮމް އިން ބުނެފައިވެއެވެ.

