މާދަމާ ރެއިން ފެށިގެން ރަމަޟާން މަސް ނިމެންދެން ޖަމާޢަތުގައި ދަމުދަނަމާދު ކުރަންފަށަނީ
މާދަމާރެއިން ފެށިގެން ރަމަޟާން މަސް ނިމެންދެން ޖަމާޢަތުގައި ދަމުދަނަމާދު ކުރަންފަށާނެކަމަށް އިސްލާމިކް މިނިސްޓްރީޏް ވިދާޅުވެއްޖެއެވެ.
ދަމު ނަމާދުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކުވސް މެންދަމު ދޭއް ޖަހާއިރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ރޯދަމަހު މާލޭ ސަރަހައްދުން ޖުމްލަ 23 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިސްލާމީ މަރުކަޒު ހިމެނޭހެން މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެކެވެ. ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ފަހު ދިހައެއްގައި ގިނަ ޢަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް އަރައެވެ.
ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަންބޮޑު ލައިލަތުލްޤަދުރި ވިލޭރޭ ހިމެނޭ ދިހަ ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ.
ލައިލަތުލްޤަދުރި ވިލޭރޭ ކުރާ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާކަމަށް ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.

