ސްރީލަންކާގައި އަނެއްކާވެސް ކާފިއު އިޢުލާންކޮށްފި
ސްރީލަންކާގެ ސަލާމަތާއި، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމަށްބުނެ އަނެއްކާވެސް އެޤައުމުގައި ކާފިއު އިޢުލާންކޮށްފިއެވެ.
މިދިޔަ މަހުގެ 21ވަނަ ދުވަހު ސްރީ ލަންކާއަށް ދިން ޓެރަރިސްޓު ޙަމަލާތަކަށްފަހު އެޤައުމުގައި ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
އެޤައުމުގައި ކާފިއު އިޢުލާންކޮށްފައިތީ ކަނޑައެޅިފައިވާ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށް އެޤައުމުގައި އުޅޭ ދިވެހިންނަށް ދިވެހި އެމްބަސީން އިލްތިމާސް ކުރައްވައެވެ.
މިރޭ ނުވަޔަކުން ފެށިގެން ފަތިހު ހަތަރެއް ޖަހަންދެން ސްރީލަންކާގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އެހެންކަމުން މިގަޑިތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށާއި އެޤައުމުގެ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެމްބަސީންވަނީ އިލްތިމާސްކުރައްވާފައެވެ. ދިވެހި އެމްބަސީން މީގެ ކުރިން ވަނީ ސްރީލަންކާގައި މިވަގުތު ދިރިއުޅޭ ދިވެހި ރައްޔިތުން ގެއިން ބޭރުގައިއުޅޭ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
އަދި ސްރީލަންކާގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޕާސްޕޯޓްގެ ކަންތައްތައް ފުރިހަމަ ވެފައިވޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އެހަމަލާތަކަށް ފަހު ސްރީލަންކާގެ ފަތުރުވެރިކަން ވަނީ އާދަޔާ ޚިލާފަށް ދަށަށްގޮސްފަ އެވެ.
އަވައްޓެރި ސްރީލަންކާއަކީ ގިނަޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.

