މިސްކިތްތަކަށް އެހީވުމާއި ދީނީ ކަންމުގައި ޅަދަރިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖޭހޭ – ނައިބްރައީސް
މިސްކިތްތަކަށް އެހީވުމާއި ދީނީ އެކިކަންމުގައި އަދުގެ ޅަދަރިންނަށް ނަމޫނާ ދައްކުވައިދޭ ބަޔަކަށް އަޅުގަނޑުމެން ވާންޖޭހޭކަމަށް ނައިބްރީއީސް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ޚާއްޞަ ޙަރަކާތް “ދަރުމަ ކަމާކެމި” ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބްރައީސް ވަނީ ޒަމާނުއްސުރެ ދިވެހި ރައްޔިތުންނަކީ ލިބޭ މިންވަރަކުން އެކިއެހީތައް ޚާއްސަކޮށް ދީނީ ކަންކަމަށް އެހީވާ ބައެއްކަން ފާހަގަކުރައްވަފައެވެ.
މި ޙަރަކާތް ފަށްޓަވިދެއްވީ ނައިބްރީއީސް ފައިޞަލް ނަޞީމްއެވެ. ނައިބްރައީސް ވަނީ މިޙަރަކާތް ފަށްޓަވައިދެއްވައި ފަންޑުފޮށިތަކަށް ފައިސާގެ އެހީ ވެދެއްވާފައެވެ.
“ދަރުމަ ކަމާކެމި” ނަމުގައި ހިންގާ މިޙަރަކާތުގައި މިސްކިތްތަކަށް އެހީވާން ބޭނުންވާ ޢާއްމުރައްޔިތުންނަށް އެފުރުޞަތު ހުޅުވާލައްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އެކިއެކި ފަންޑުތައް ދިރުވައި އާލާކޮށް އެއަށް ފައިސާހޯދުމުގެ މަސައްކަތްވެސް މިޙަރަކާތުގެ ތެރެއިން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި ގިނަމިސްކިތްތަކެއް ހުރިކަން ފާހަގަކުރައްވައި ނައިބްރައީސް ވިދާޅުވީ މިމިސްކިތްތަކުގެ އާބާތުރަފިލުވުމާއި މިސްކިތްތައް މަރާމާތުކުރުމަށްޓަކައިވެސް ރައްޔިތުން އެހީވެފައިވާކަމަށެވެ. މިސްކިތްތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ދިނުމަށް ނައިބްރައީސް ފައިޞަލް ނަޞީމް ވަނީ ގޮވާލައްވާފައެވެ.
ރައްޔިތުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް މިސަރުކާރުން ނުކުރައްވާނެކަމުގެ ޔަޤީންކަން ނައިބްރައީސް ވަނީ ދެއްވާފައެވެ. މިގޮތުން ހައްޖު ކޯޓާއާއި ޒަކާތު ފަންޑުގެ ފައިދާ ރައްޔިތުންނަށް ވާނެފަދަ ގޮތަކަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

“ހެޔޮކަންތައްތަކީ އެކަންކުރުމަށް ނިމުމެއް އޮތް ކަންތައްތަކެއް ނޫން. ގިނަގަނއިން މިފަދަ ހޭދަތައް ކުރަންޖެހޭ .މިސްކިތްތަކަކީ މިބިންމަތީގައި ލެއްވި އެންމެ މާތް ތަންތަންތަން .މިސްކިތައް ދޭތެރޭގައިގައި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ޚާއްސަ ދަރަޖައެއް ވަނީ ދީފަ.” ނާއިބުރައީސް ވިދާޅުވިއެވެ.
އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޙަރަކާތް އޮންނާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ. މިހަރަކާތުގައި މިނިސްޓްރީއާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ސްޓޯލްތައް ހުންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މި ހަރާކާތް ކުރިއަށްދާއިރު އެކިކަހަލަ މަޢުލޫމާތު ލިބޭނެ ސްޓޯލްތައްވެސް ބަހައްޓާފައިހުންނާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ޚަރަދުކުރާގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު ޢަދަދުވެސް ހާމަކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތައް މީހުން ހޭލުންތެރިކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މިޙަރަކާތުގައި މިސްކިތްތައް ޢިމާރާތްކުރުމަށް ބޭނުންވާ ރަށްތައްވެސް ފާހަގަކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިސްކިތްތަކަށް ޚާއްސަކޮށްފައިވާ ސްޓޯލަކުން މިސްކިތްތަކަށް ބޭނުންވާ މަރާމާތާއި، މަރާމާތު ކުރުމަށްބޭނުންވާ މިސްކިތްތަކާއި، ޚަރަދުވާ ވަރުގެ މަޢޫލޫމާތުތައް ޙިއްސާކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެމިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑުފޮށިތައް ބެހެއްޓުމަށް ނިންމާފައިވާއިރު އޮންލައިންކޮށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު އޮންނާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

