ބަނގުރަލުގެ ޙަރާމްކަން ފަނޑުކުރުމަކީ ހީލަތްތެރި ޢަމަލެއް: އައްޝައިޚް ޢަބްދުﷲ
ބަނގުރަލުގެ ޙަރާމްކަން ފަނޑުކޮށް، ޙުރުމަތުގެ ހައިބަތު ދުއްވާލުމަކީ ހީލަތްތެރި ޢަމަލެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ ހުއްދަ އެއްޗެހީގެ ލިސްޓުގައި ﷲ ޙަރާމް ކުރެއްވި އެއްޗެއް ހިމަނައިގެން ހުރިހާ އެއްޗަކަށް ސަނާކިޔައި ހެދުމީ ބަނގުރަލުގެ ޙަރާމްކަން ފަނޑުކޮށް، ޙުރުމަތުގެ ހައިބަތު ދުއްވާލުމުގެ ހީލަތްތެރި ޢަމަލެއްކަމަށާއި މުޖްތަމަޢުގެ ފަސާދައަށް ހިތްވަރު ދިނުމަކީ ފާޅުކަންބޮޑު ޖަރީމާއެއްކަމަށެވެ.
”ހުއްދަ އެއްޗެހީގެ ލިސްޓުގައި ﷲ ޙަރާމް ކުރެއްވި އެއްޗެއް ހިމަނައިގެން ޖުމްލަގޮތެއްގައި މުޅި ހުރިހާ އެއްޗަކަށް ސަނާކިޔައި ހެދުމީ ބަނގުރަލުގެ ޙަރާމްކަން ފަނޑުކޮށް، ޙުރުމަތުގެ ހައިބަތު ދުއްވާލުމުގެ ހީލަތްތެރި ޢަމަލެއް. މުޖްތަމަޢުގެ ފަސާދައަށް ހިތްވަރު ދިނުމަކީ ފާޅުކަންބޮޑު ޖަރީމާއެއް“. ޝައިޚް ވިދާޅުވެފައިވެއެވެ.
ބަނގުރަލަކީ ރަނގަޅު އެއްޗެއްގެ ގޮތުގައި ދޭހަވާނެހެން ހުއްދަ ތަކެތީގެ ލިސްޓުގައި ހިމެނުމަކީ ﷲ ބާވައިލެއްވި ޙުކުމަށް ކުރާ ޖެއްސުމެއްކަމަށާއި ފަސާދަކުރަނިވި ވާހަކަތަކަށް އެއްބާރުލުންދީ ވާގިވެރިވާ މީހުން ﷲ އަށް ބިރުވެތިވުމަށް ޝައިޚް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޝައިޚް ޢަބްދުﷲ މިފަދައިން 2 ޓްވީޓެއް ކުރައްވާފައިވަނީ، ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތޮއްޑޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަމުން ބުނެފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.
