ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުން މިއަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުގައި އޮންނާނެއެވެ.
އެ އަޑުއެހުންތައް މިއަދު ހެނދުނު 10:00 ށް ތާވަލް ކޮށްފައިވާއިރު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވާ މަނީލޯންޑްރީ މައްސަލާގަ އެވެ. އެ މަނިކުފާނު ބަންދު ކުރަން އަމުރު ނެރުނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިގެނެވެ.
އެމަނިކުފާނު ބަންދު ކޮށްފައިވަނީ މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގަ އެވެ. ބަންދުކުރި ފަހުން ތިން ފަހަރެއްގެ މަތިން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވެ އެވެ. އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ. އެމަނިކުފާނު ބަންދުކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ.
ހައްޔަރުކުރި އަމުރު އިސްތިއުނާފު މިއަދު ފަށާއިރު މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ. އެމަނިކުފާނުގެ އެކައުންޓް ވެސް ފްރީޒްކުރަން ކުރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެ އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައި ހުކުމް އިއްވުމަށް ވަނީ ތައްޔާރުވެފަ އެވެ.
ރައީސް ޔާމީންގެ އާލާސްކަންފުޅާގުޅިގެން އެމަނިކުފާނުގެ ހަދަންޖެހޭ ބައެއް ޓެސްޓްތައް ރާއްޖެ އިން ހެދެން ނެތް ކަމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ގޮންގްރެސްގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.
