ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ: ޑރ ވަހީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ހެނދުނު އެހޮސްޕިޓަލުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ ވަހީދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ ބޮޑު އާބާދީއެއް ހިދުމަތް ހޯދަމުންދާ ތަނެއް ކަމަށާއި ހަމައެއާއެކު ސަރުކާރުގެ މި ހޮސްޕިޓަލް ތަރައްގީއަށް ވަރަށް އިސްކަމެއް ދެއްވާ ކަމަށެވެ.
ޑރ ވަހީދު ވިދާޅުވީ މިހާރުވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ދެމުން ގެންދާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް އައިޖީއެމްއެޗު ފެންވަރުގެ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީވެގެން ދިޔުން ކަމަށެވެ.
37 އަހަރީ ވަރަށް ދިގު މުއްދަތެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގައި އަޑިގުނޑަންތަކާއި އުސްގަނޑުތައް ގިރާކުރުމަށްފަހު މިއަދު މިތިބީ ރާއްޖޭގެ ނިސްބަތުން ގުނާލެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ.
އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ މުވައްޒަފުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަށްޓަކާ އެފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން ދާދި ފަހުން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ފަހުން ކޮޅުން ފެށިގެން އެ ހޮސްޕިޓަލުގައި އަންނަނީ ނާރުގެ ޑޮކްޓަރަކާއި ހިތުގެ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
އެތަނުން މިހާރު އަންނަނީ އެކޯ ކާޑިއޯގެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އެ ހިދުމަތް މިމަހު 7 ވަނަ ދުވަހު ފަށަން ވަނީ ނިންމާފައިކަމަށް ނާރެސް އަށް މަޢުލޫމާތު ލިބެއެވެ.