ޞައްޙަ ޢަޤީދާއިން އެއްކިބާވާން ދިމާވާ ސަބަބުތައް
ޞައްޙަ ޢަޤީދާއަކީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ޢަޤީދާއެވެ. މި ޢަޤީދާގެ އަހުލުވެރިންނަކީ ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިބޭނެ މީހުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ”(سورة الأنعام82) މާނައީ: “އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ. ” އާދެ! ޞައްޙަ ޢަޤީދާއިން ދުރުކޮށް، އެއްކިބާ ކުރުވާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި އަންނަނިވި ސަބަބުތައް ފާހަގަކުރެވެއެވެ.
1. ޞައްޙަ ޢަޤީދާއާމެދު ޖާހިލުވުން : އާދެ! ޢަޤީދާ އުނގެނުމަށާއި އުނގަންނައިދނުމަށް އަހުމިއްޔަތުކަމެއް ނުދިނުމެވެ. އަދި ޢަޤީދާ އުނގެނުމުގައްޔާއި އުނގަންނައިދިނުމުގައި ރަނގަޅު މަޞްދަރުތަކަށް ރުޖޫޢަނުވުމެވެ. ޢަޤީދާގެ ކަންތައްތައް އުނގަންނައި ދިނުމުގައި އިސްކަންދޭން ޖެހޭނެކަން ބަޔާން ކުރެއްވުމުގެ ގޮތުން ޖިބްރީލްގެފާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސުވާލު ކުރެއްވިއެވެ. “أَخْبِرْنِي عَنِ الإِيْمانِ؟ قَالَ : أَنْ تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنَ بِا لْقَدَرِ خَيْرِهِ وَشَرِّهِ” (رواه مسلم)
މާނައީ: “މާތްﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ފޮތްތަކަށާއި، އެކަލާނގެ ރަސޫލުންނަށާއި، އާޚިރަތްދުވަހަށާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.”
2. ތަޢައްޞުބުވުން : ތަޢައްޞުބުވުމަކީ، ރަނގަޅުގޮތް އެނގުމުންވެސް ކާބަފައިންގެ ފަރާތުން އައިސްފައިވާ ގޮތުގައި ހިފަހައްޓައި، އެމީހުންގެ ޢަޤީދާއާ އެއްގޮތަށް ޢަމަލުކުރުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّـهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ (سورة البقرة 170) މާނައީ : “އަދި اللَّه ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން تبع ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން تبع ވާހުށީ ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، އެއުރެންގެ ކާބަފައިންނަށް އެއްވެސް ކަމެއް ނުވިސްނުނަސް، އަދި އެއުރެންނަށް ތެދުމަގު ނުލިބުނަސް ހެއްޔެވެ؟ “
3. ތަޤުލީދުކުރުން : ތަޤްލީދުކުރުމަކީ، އެއްވެސް ޞައްޙަކަމެއް ބެލުމެއްނެތި، ނުވަތަ ދަލީލެއް ހޯދުމެއް ނެތި ކަންކަން ޤަބޫލުކުރުމެވެ. މީގެ ސަބަބުން ޢަޤީދާގެ މައްސަލަތަކުގައި ވެސް ވަރަށް ގިނަ ބަޔަކު މަގުފުރެދިފައިވެއެވެ. ޖަހުމިއްޔާއިންނާއި މުޢުތަޒިލާއިންނާއި އަޝާޢިރާއިންނާއި އަދި ޞޫފީން މަގުފުރެދިގެން ދިޔައީ ދަލީލަށް ބެލުމެއް ނެތި އެބައިމީހުން ތަބާވީ ބައެއް މީހުންގެ ސަބަބުންނެވެ. އަދި މިޖަމާޢަތްތަކުގެ ސަބަބުން ވެސް ވަރަށް ގިނަ ބަޔަކު މަގުފުރެދިފައިވެއެވެ.
4. ހައްދު ފަހަނައަޅާ ދިޔުން : ޞާލިޙުއަޅުންނާއި މާތްﷲއަށް ކިޔަމަންތެރި ކަމާއެކު އުޅުނު ބައެއް މީހުންނަށް އިޙްތިރާމް ކުރުމުގައި ހައްދުފަހަނައަޅައި ދިޔުމުގެ ސަބަބުންވެސް ބައެއް މީހުން ޞައްޙަ ޢަޤީދާއިން ދުރުވެ މަގުފުރެދިފައިވެއެވެ.މިބައިމީހުން، އެފަދަ ޞާލިޙުމީހުންގެ ދަރަޖަ މަތިކޮށް، އެމީހުންގެ ކިބައިން މަދަދަށް އެދެން ފަށައެވެ. ނޫހުގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އުޅުނު ޞާލިޙުމީހުންގެ ވާހަކަ ބަޔާން ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا (سورة نوح 23) މާނައީ: “އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ! “
އަލްއިމާމް އިންބު ޖަރީރުއްޠަބަރީ މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އެފަސްމީހުންނަކީ ނޫޙުގެފާނުގެ ޤައުމުގައި އުޅުނު ޞާލިޙުއަޅުންތަކެކެވެ. ޤައުމުގެ މީހުންގެ ތެރޭގައި އެމީހުންނަށް ތަބާވާ ބަޔަކު އުޅުނެވެ. އެފަސްމީހުން މަރުވުމުން އެމީހުންނަށް ތަބާވާމީހުން ބުނަން ފެށިއެވެ. އެމީހުންގެ ޞޫރަތައް ހަދާފަ ބެހެއްޓުމުން އެމީހުންގެ މަތިން ހަނދާން ކުރެވޭނެއެވެ. ދެން އެމީހުންގެ ސޫރަތައް ހަދާފައި ތަންތަނުގައި ބެހެއްޓިއެވެ. އެމީހުންނަށް ތަބާވާމީހުން މަރުވުމުން، އޭގެފަހުން އައިމީނުންނަށް ޝައިޠާނާ ވަސްވާސްދީގެން އެމީހުންގެ ކިބައިން ކަންކަމަށް އެދެން ފެށިއެވެ. އަދި އެމީހުން ބުދުތަކަށް އަޅުކަން ކުރަން ފެށިއެވެ.
އަލްއިމާމް ބުޚާރީ މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާ ކުރެއްވިއެވެ. ودّ އާއި، سواع އާއި، يغوث އާއި، يعوق އާއި، نسر އަކީ ނޫޙުގެފާނުގެ ޤައުމުގައި އުޅުނު ޞާލިޙު މީހުންތަކެކެވެ. މިމީނުންތައް މަރުވުމުން ޝައިޠާނާ ޤައުމުގެ މީހުންނަށް ވަސްވާސްދީ، އެމީހުންގެ ބުދުތައް އެމީހުންގެ މަޖިލިސްތަކުގައި ބެހެއްޓިއެވެ. އަދި ބުދުތަކަށް އެމީހުންގެ ނަމުން ނަން ދިނެވެ. އަދި އޭރު އެމީހުން އެބުދުތަކަށް އަޅުކަމެއް ނުކުރެއެވެ. ދެން އެމީހުންތައް ހަލާކުވެގެން ދިޔުމުން އެބުދުތަކަށް އަޅުކަންކުރަން ފެށިއެވެ.
5. ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ނުދެވުން : އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވަނީ ތައުޙީދުގެ ޢަޤީދާގެ މަތީގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِسَانِهِ (رواه البخاري و مسلم) މާނައީ: “ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. ފަހެ، އޭނާގެ މައިންބަފައިން އޭނާ ޔަހޫދީއަކަށް، ނުވަތަ ނަޞާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދައެވެ.” އަދި މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ދަރީންނަށް ފުރަތަމަ ދަސްކޮށްދެވޭ، ކަލިމަ ކަމުގައި “لا إله إلاّ الله” ހަދާށެވެ.” (رواه الحاكم)
މާތްﷲ ރުއްސުންލެއްވި ޖުންދުބު ބުނު ޢަބްދުﷲގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. “އަހަރެމެން ބޮޑަތިވަމުން އައި ދުވަސްވަރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުގައި އުޅުނީމެވެ. އެދުވަސްވަރު އަހަރެމެން އެކަލޭގެފާނުގެ އަރިހުން ޤުރުއާން އުނގެނުމުގެ ކުރިން، އަހަރެމެން އުނގެނި ދަސްކުރީ އީމާންކަމެވެ. އަހަރެމެން ޤުރުއާން ދަސްކުރީ އޭގެ ފަހުންނެވެ. އޭގެ ސަބަބުން އަހަރެމެންގެ އީމާންކަން ވަރުގަދަވެގެން ދިޔައެވެ.” (ރަވާހު އިބްނު މާޖާ)
6. ޚަބަރު ފަތުރާ ވަސީލަތްތައް : ޚަބަރު ފަތުރާ ވަސީލަތްތައް ނުވަތަ މީޑިޔާ އަކީ، މުސްލިމުން ފިކުރީ ހަނގުރާމައިގެ ދަލުގައި ޖައްސާ އެބައިމީހުންގެ ދީނާ އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއިން ދުރުހެލިކުރުވުމަށް ޣައިރުމުސްލިމުން ބޭނުންކުރަމުން ގެންދާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެގޮތުން މިއަދުގެ ވަރަށް ގިނަ ޚަބަރު ފަތުރާ ވަސީލަތްތަކަކީ އީމާންކަން ބަލިކަށިކުރުވާ ވަސީލަތްތަކެކެވެ. އަދި މަޢުލޫމާތު ހޯދޭ ބައެއް ވަސީލަތްތަކުގެ ސަބަބުން ޞައްޙަ ޢަޤީދާއިން ވެސް އެއްކިބާ ކުރުވައެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ، މިބަޔާންވެ ދިޔަ ސަބަބުތަކާމެދު ވިސްނާ އެކަންކަމަށް ރައްކާތެރިވެ. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ދެނެގަނެ، އެޢަޤީދާގެ މަތީގައި ސާބިތުވެ ތިބޭ ބައެއްކަމުގައި ވުމަށް ގަދައަޅާ މަސައްކަތްކުރުމެވެ. އަދި އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އާއި އެދީނުގެ އުސޫލުތައް ހަރުލައްވާ އެގޮތުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުމަށް މަސައްކަތްކުރުމެވެ.

