” އަހަރެން ފާފައެއް ނުކުރަން ” ދެން ކީއްވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރަންވީ؟ (ދެވަނަބައި)
“އިސްތިޣުފާރު” ނުވަތަ ފާފަފުއްސެވުމަށް އެދި ދަންނަވަންޖެހޭ ނުވަތަ ދެންނެވުން ގިނަކުރަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ އެއީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުކަމަކަށްވާތީވެއެވެ. “އިސްތިޣުފާރު” ކުރުމަކީވެސް އަޅުކަމެކެވެ. ފާފަފުއްސެވުމަށް އެދި ދަންނަވާ މީހުންނަށް އެއިލާހު ތަޢާލާ ފުއްސަވާނެކަން ޤުރްއާނުގެ އެތައް އާޔަތެއްގައި ބަޔާންކުރައްވާފައިވުމުންވެސް ދޭހަވެގެންދަނީ، އެއީ ކޮންމެ މުސްލިމަކުވެސް އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއްކަމުގައެވެ.
وَاسْتَغْفِرُوا اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٢٠﴾ – سورة المزمل
މާނައީ ” އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. “
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ – سورة نوح
މާނައީ ” ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. “
“އިސްތިޣުފާރު” ކުރުން ނުވަތަ ފާފަފުއްސެވުމަށް އެދި ދެންނެވުން ގިނަކުރުމަކީ، ތަޤުވާވެރިންގެ ސިފައެއްކަން ބަޔާންކުރައްވާ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ﴿١٥﴾ آخِذِينَ مَا آتَاهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ – سورة الذاريات
މާނައީ ” ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. (15) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. (16) އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18) “
ފާފަފުއްސެވުމަށް އެދި ދެންނެވުމުގައި ނުވަތަ “އިސްތިޣުފާރު” ކުރެއްވުމުގައިވެސް ނަމޫނާ ދެއްކެވި ބޭކަލަކީ އުންމަތުގެ މާތްނަބިއްޔާ ރަސޫލުﷲ ﷺ އެވެ. އެކަލޭގެފާނަކީ ފާފައެއް ނުކުރައްވާ “މައުސޫމު” ބޭކަލަކަށްވާއިރުގައިވެސް އެކަލޭގެފާނު އިސްތިޣުފާރު ކުރެއްވުން ދޫކޮށެއް ނުލައްވައެވެ. އެކަމުގައިވެސް މުސްލިމުތަކުންނަށް ނަމޫނާ ދެއްކެވިއެވެ.
ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ (1)
މާނައަކީ ” އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ. ފަހެ ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތައުބާވަމެވެ. ” މިއީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަންނަން ހުރި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާފައިވާ އިރުވެސް މެއެވެ. އެހެންކަމަށް ވާނަމަ އަހަރުމެން ފަދަ ތާއަބަދު ކުށްކުރެވޭ ބަޔަކު ތައުބާވާންވީ މިންވަރު ވަޒަންކޮށްލާށެވެ.
(1) ޞަޙީޙު މުސްލިމް 2076/4
(ނުނިމޭ)
