އޭސީސީގެ ރައީސް ޙަސަން ލުޠުފީގެ މައްސަލަބަލަނީ ކަމާބެހޭފަރާތުން ރިޕޯޓްކުރުމުން – ފުލުހުން
އޭސީސީގެ ރައީސް ޙަސަން ލުޠުފީގެ މަނީލޯންޑްރިން މައްސަލައެއް ބަލަނީ ކަމާބެހޭ ފަރަތްތަކުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ، އޭސީސީގެ ރައީސް ޙަސަން ލުޠުފީއާއި އިތުރު ބަޔަކު މަނީލޯންޑްރިންގއަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކެއް ކަމާބެހޭ ފަރަތްތަކުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެކްޓިންގ ކޮމިޝަނަރަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އޭސީސީގެ ބައެއް މެންބަރުންގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަން ކުރިންވެސް ހާމަކުރައްވާފައެވެ.
އޭސީސީގެ ރައީސާއި އިތުރު ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލާގައި ބައެއް ފަރާތްތައް ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް އަންނަނީ ބަޔާންނަގަމުންނެވެ. އެހެންނަމަވެސް މިމައްސަލާގައި ލުޠުފީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެއްނުވޭ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަޙްޤީޤްކޮށް އޭސީސީން ނެރުނު ރިޕޯޓާގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންވަނީ އޭސީސީގެ މެންބަރުންނަށް އަމާޒުވެފައެވެ. އެ ރިޕޯޓް 2017ވަނަ އަހަރުގެ ތެރޭގައި ނިމިފައި ވީނަމަވެސް އޭސީސީން ޢަމަލުކޮށްފައިވަނީ ވަރަށް ދޯދިޔާކޮށްކަމަށްބުނެ އެތައް ތުހުމަތުތަކެއް އޭސީސީގެ މެންބަރުންނަށް ދަނީ ކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އޭސީސީން ތަޙްޤީޤްކުރަން ފަށާފައިވަނީ 2015ވަނަ އަހަރުއެވެ. އެތަޙްޤީޤަށް ސަތޭކަ އެތައްބަޔަކު ޙާޒިރުކޮށް ސުވާލުކޮށްގެން އެކުލަވާލި ރިޕޯޓް ފުރިހަމަ ނޫންކަމަށް ގިނަ ފަރާތްތަކުންދަނީ ބުނަމުންނެވެ.

