ރައީސް ޔާމިންގެ ސަރުކާރުން ލަންދޫ ހެލްތް ސެންޓަރުގައި ލެބޯރޓަރީ އެޅުމަށް ފޮނުވި ބައެއް ތަކެތި ރަށުން ބޭރުކުރާތީ އިހްތިޖާޖްކުރަނީ
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ލަންދޫ ހެލްތް ސެންޓަރުގައި ލެބޯރޓަރީ އެއް ޤާއިމް ކުރުމަށް ފޮނުވި ވަރަށް ގިނަ ތަކެތީގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު މެޝިން ( ބައޯކެމިސްޓްރީ އެނަލައިޒަރ މެޝިން ) ހެލްތް މިނިސްޓްރީން އަންގަވައިގެން ރަށުން ބޭރުކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެކަން ހުއްޓުވައިފިއެވެ.
އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ނިކުތްމީހުން ބުނަމުންދިޔައި އެމެޝިނަކީ ކުރީގެ ސަރުކާރުން ލަންދޫ ހެލްތްސެންޓަރަށް ދެއްވައިފައިވާ މެޝިނަކަށް ވެފައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް އެންމެ ބޮޑަށް ބޭނުންވާނީ އެމެޝިންކަމަށް ވާއިރު އޭތި ރަށުން ބޭރު ނުކުރެވޭނެކަމަށެވެ.
ނާރެސްމީޑިއާއިން ލަންދޫ ހެލްތް ސެންޓަރާ ގުޅާލުމުން އެތަން ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެހުންނެވި އެތާންގެ އެޑްމިން އޮފިސަރ ވިދާޅުވީ ބައޯކެމިސްޓްރީ އެނަލައިޒަރ މެޝިން ފޮނުވުމަށް ހެލްތްމިނިސްޓްރީން މެސެޖެއް އެމަރުކަޒަށް ފޮނުވާފައިވާތީ އެމިޝިން ޕެކްކޮށް މިއަދު ފުރާ ބޯޓުން މާލެފޮނުވަންވެގެން އުޅުނުކަމަށެވެ. ނަމަވެސް ރަށުން ބަޔަކު ނުކުމެ އެކަންހުއްޓުވީމާ މިހާރު އެމެޝިން ވަނީ އަލުން ހެލްތް ސެންޓަރަށް ގެނެސްފައިކަމަށެވެ.
މިއަދު ފުރާ ލަންދޫބޯޓުން އެ މެޝިން ފޮނުވަން ވެގެން ބޯޓަށް މެޝިންއަރުވަން އުޅުމުން ބޯޓުންވެސް އެމެޝިން ނުގެންދެވޭނެކަމަށް ބުނެފައިވާކަމަށް ހެލްތްސެންޓަރުން ވާހަކަދެއްކެވި ބޭފުޅާ ވަނީ ވިދާޅުވެފައެވެ.
” އަޅުގަނޑުމެން މިހާރުވާނީ ނ.އަތޮޅު ހޮސްޕިޓަލްގައި އެކަން ހިނގިގޮތް ވަރަސް ތަފްޞީލްކޮށް ދަންނަވާފައި ، އެހެންނަމަވެސް ދެން ހަދަންވީ ގޮތެއް އަދި އެއްވެސް ފަރާތަކުން ނާންގަވާ، އެހެންވީމާ މެޝިން އަދި ހުރީ ލަންދޫހެލްތްސެންޓަރުގައި. ” މިވަގުތު ލަންދޫ ހެލްތްސެންޓަރ ހިންގުމާ ހަވާލުވެހުރި އެތާންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ނާރެސްއާ މިވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.
ލަންދޫހެލްތްސެންޓަރުގައި ލެބޯޓްރީއެއް ނެތިގެން އެކަން ޙައްލުކޮށްދެއްވާނެކަމަށް ސިޔާސީ އެތައްބަޔަކު ވީ ވަޢުދުތައް އަދިވެސްނުފުދިވާއިރު ލެބޯޓްރީއެއް ޤާއިމްކުރުމަށް ބޭނުންވާ ސާމާނުތަކެއް ކުރީގެ ސަރުކާރުން ދެއްވާފައި ވަނިކޮށް މިސަރުކާރުން އެތަކެތި ގެންދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ލަންދޫގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.
ލަންދޫ ހެލްތްސެންޓަރަށް ބައޯކެމިސްޓްރީ އެނަލައިޒަރ މެޝިނަކާއެކު ލެބޯޓްރީއެއެއް ޤާއިމް ކުރުމަށްބޭނުންވާ ގިނަ ސާމާނުތަކެއް އެތަނަށް ކުރީގެ ސަރުކާރުން ދެއްވާފައި ހުއްޓަސް އެއިން އެއްވެސް އެއްޗެއްގެ ބޭނުމެއް އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ.