މާލޭގައި ޕާރކްކުރާނެ އިތުރު ބިންތަކެއް ހުސްކުރަނީ
މީހުންނާއި، ދުއްވާ އެއްޗހި ގިނަވުމުގެ ސަބަބުން މާލެއަށް ކުރިމަތިވެފައިވާ ޕާރކިންގގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، މާލޭގެ އެކި ހިސާބުތަކުން ޕާރކް ކުރުމަށް އިތުރުބިންތަކެއް ހުސްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ ޓީވީ އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، މާލޭގެ މަގުތައް ހެދިފައިހުރި ގޮތުން، ބައެއް މަގުތަކަކީ އެކަށީގެންވާ ގޮތެއްގައި ޕާކް ކުރެވޭނެ ޖާގަ ހުރި މަގުތަކެއް ނޫންކަމަށެވެ. އަދި އެކަށީގެންވާ ދިރާސާއެއް ކުރުމެއްނެތި މާލޭގެ ބައެއް މަގުތަކަށް ބަދަލު ގެނައުމާ ގުޅިގެން ތޮއްޖެހުމާއި ޓްރެފިކްގެ ދަތިކަންވެސް ކުރިމަތިވެފައިވާކަމަށެވެ.
ޝަމާޢު ވިދާޅުވީ، މާލޭ ސިޓީގެ ހުރިހާ އަވަށެއްގައިވެސް ބޮޑެތި ހުސް ބިންތައް އެބަހުރި ކަމަށާ، އެޖާގަތައް ޕާކް ކުރެވޭނެ ޚާއްޞަ ތަންތަނަށް ހެދިއްޖެނަމަ މާލޭ ސިޓީގައި ޕާރކް ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ 10 ބިމެއް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމާޢު ވިދާޅުވީ، މާލޭގެ ބައެއް މަގުތަކުގެ ބައެއް ސަރަހައްދުތައް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށްޓަކައި ބަންދުކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެގޮތައް ހުރި ތަންތަނުގެ ތެރެއިން ޖާގަ ހުސްކުރެވެން ހުރި ތަންތަން ބަލައި ޖާގަ ހުސްކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވެ، މަގުތަކުގެ ތޮއްޖުން ކުޑަކުރުމުގެ ގޮތުން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ޑެޕިއުޓީ މޭޔަރ ޝަމާޙު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ ވަށައިގެން އޮންނަ ބޭރު މަގު ނުވަތަ ރިންގ ރޯޑު ހުޅުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާ މިކަމުގެ ސަބަބުން މަގުތަކުގައި ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

