2019 ވަނައަހަރު ޓެބްލެޓް ބޭނުންކުރާނީ ގްރޭޑް 2 ން ފެށިގެން މަތީ ގްރޭޑްތަކުގައި – މިނިސްޓްރީ
ސަރުކާރުން ދަރިވަރުން ކިޔަވަން ހޯދައިދެވޭ ޓެބްލެޓް 2019 ވަނަ އަހަރު ބޭނުންކުރާނީ ގްރޭޑް 2 އިން ފެށިގެން މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެޑިޔުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް މިކަން އަންގަވާފައިވަނީ މިނިސްޓަރ ޑރ.އައިޝަތު ޢަލީ ސޮއިކުރައްވާ ސްކޫލްތަކަށް ފޮނުއްވެވި ސަރކިޔުލަރ އަކުންނެވެ.
މިހިނގާ ޑިސެމްބަރ މަހުގެ 3 ވަނަދުވަހު ސްކޫލްތަކަށް ފޮނުއްވެވި ސާރކިޔުލަރގައި ބުނެފައިވަނީ 2019 ވަނަ އަހަރު ގްރޭޑް 1 ގެ ދަރިވަރުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓެބްލެޓް ދޫކުރުމަށް ހަމަޖެހިފައި ނުވާ ކަމަށާއި، މިގޮތަށް ހަމަޖެއްސީ ގްރޭޑް 1 ގެ ދަރިވަރުންނަކީ ލިޔެކިޔުމުގެ ހުނަރުތައް ވީ އެންމެ ބޮޑަށް ބޭނުންކުރަންޖެހޭ ޢުމުރުފުރާގެ ކުދިންކަމުގައި ވާތީއާއި، އެ ދަރިވަރުންނަށް ކަނޑައަޅާފައިވާ ހުރިހާ ޓެކްސްޓްފޮތްތައް އެ ދަރިވަރުންނަށް ފޯރުކޮށްދެވޭނެތީ ކަމުގައެވެ.
އަދި، މި މަޢުލޫމާތު ސްކޫލްތަކުގެ ޓީޗަރުންނަށާއި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އޮޅުންފިލުވައިދެއްވުމަށްވެސް އެ ސާރކިޔުލަރގައި އެދިފައިވެއެވެ.
ޓެބްލެޓް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައިވަނީ މިދިޔައަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިއީ ގާތްގަޑަކަށް 200 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1 ން މަތީގެ ހުރިހާ ދަރިވަރުންނަށާއި، ހުރިހާ ޓީޗަރުންނަށް މިދިޔައަހަރު ނިމުނުއިރު ވަނީ ޓެބްލެޓް ދީފައެވެ. އަދި ގިނަސްކޫލްތަކުގައި މިހާރުވަނީ ޓެބްބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައެވެ.


ތި ހަބަރު ލިޔުނު މީހަކު ރަނގަޅައް މައުލޫމާތު އޮޅުން ފިލުވައިގެން ލިޔުނު ނަމަ ވަރައް ރަނގަޅު ވީސް. މިދިޔަ އަހަރު ގިނަ ސުކޫލް ތަކުގެ ދަރިވަރުންނަކައް ޓެބްލެޓް އެއް ނުލިބެ. އަހުމަދު ދާއޫދު ހަބަރު ލިޔާއިރު ތެދު މައުލޫމާތު ލިޔުމައް އަޅުގަނޑު އެދެން.