ޚަބަރު

ކޮންމެ ހަފްތާޔަކުން އެއްފަހަރު މާލީބަޔާން ޢާއްމުކުރާނަން – ރައީސް އިބޫ

އަންނަ ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު ރާއްޖޭގެ މާލީ ޙާލަތު އާއްމުކުރައްވަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކ. ދިއްފުށީ ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.  ދިއްފުށީގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ޤައުމުގެ މާލީ ޙާލަތު ރައްޔިތުންނަށް ޙިއްޞާ ކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން ގެންދާ މައިގަނޑު އެއް މަސައްކަތަކީ ރާއްޖޭގެ ޙާލަތު ދެނެގަތުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ރާއްޖޭގެ ކަންކަން ހިނގާފައިވާ ގޮތް ސާފުވެގެން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ސަރުކާރުގެ ވެރިންނާއި މުޢައްސަސާތަކުގެ ވެރިންނާއިއެކު އެމަނިކުފާނު ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ ރައްޔިތުންނާއި ކައިރިން ރައްޔިތުންނަށް ހާމަކަން ބޮޑުކޮށް ކުރެވޭ ވެރިކަމަކަށް ކަމަށެވެ.

ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ޢާއްމު ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސިއިރު އެމަނިކުފާނު ވަނީ ސަރުކާރު ކުންފުނިތަކާއި ސިޔާސީ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވާއިރު އެ ބޭފުޅުންގެ މަޢުލޫމާތާއި ތަޢުލީމީ ފެންވަރާއި މާލީ މަޢުލޫމާތުތައް ސާފުކުރަން ނިންމަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close