ޚަބަރު

މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެގޮތުން މާދަމާ، 26 މެއި 2021 އިން ފެށިގެން މޮނީޓަރިން ހާލަތަށް ގެނެވޭ ހުރިހާ ރަށެއްގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

މިކަން އަންގާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައެވެ.

އެ އެންގުމުގައި ބުނެފައިވަނީ މާދަމައިން ފެށިގެން، ވަކި ގޮތެއް އަންގަންދެން މޮނީޓަރިން ހާލަތަށް ގެނެވޭ ރަށްރަށުގައި ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

“ނަމަވެސް ރަށުގައި ބަލި ފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅާފައިވާ ވަގުތަށް ބަދަލު ގެނެވޭނެ” މައިމޫނާގެ މި އެންގުމުގައި ބުނެފައިވެއެވެ.

މި އެންގުމުގައި އިތުރަށް އަންގާފައިވަނީ:-

  • ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުތުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުން
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން
  • ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
  • ފިހާރަތަކުން ހިދުމަތްދޭއިރު، އެޗްޕީއޭޢިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތްދިނުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުން ހުއްޓާލުން
  • ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ފިޔަވާ އެހެން ހިދުމަތްތައް ހުއްޓައިލުން

މި އެންގުމުގައި މިހެން އޮތް ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ ދާއިރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސާއި މޮނީޓަރިން ހާލަތުގައި އޮންނަ ރަށްރަށުގެ ޓާސްކްފޯހުން ދޫކުރާ ފާސް އޮންނަ ފަރާތްތަކާއި އެމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް މި އެންގުމުން އިސްތިސްނާ ވާނޭކަމުގައިވެސް ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close