އުމްރާވެރިންނަށް ވީއައިއޭ އިން ހާއްސަ އިނާޔަތްތަކަކާއެކު އިންތިޒާމުތަކެއް ހަމަޖައްސައިފި

ނިމިދިޔަ ޖުލައި މަހު ސައުދީ އަރަބިއްޔާއަށް އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިން އެނބުރި އަންނަމންދާތީވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ހާއްސަ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދޭ ގޮތުގައި، މި އިންތިޒާމުތަކުގެ މައިގަނޑު މަގުސަދަކީ އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް އެއާޕޯޓުގެ ހިދުމަތްތައް ވީހާވެސް އަމާންކަމާއި އަދި އަވަސްކަމާއެކު ފޯރުކޮށްދިނުމެވެ.
ސްކޫލް ޗުއްޓީއާ ދިމާކޮށް 5,565 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ފުރާފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެ ކުންފުނީގެ ހަވާލުގައި ދިޔަ 613 އުމްރާވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ އައިސްފައެވެ. މީގެ ކުރިން އާންމުކޮށް ބޮޑެތި މީހުން އެކަނި ކުރަމުންދިޔަ މި ދަތުރުތައް، މިހާރު މުޅި އާއިލާ އެކީގައި ކުރުން އާންމުވެފައިވާކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
އުމްރާވެރިން ރާއްޖެ އެނބުރި އަންނަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ބާރުބޮޑު ތަންތަނުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ރޯގާގެ އަލާމާތެއް ހުރެޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކެއްސައި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށްވެސް އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
