ޚަބަރު

ފަވަރަ މެދުވެރިކޮށް އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް އެމްއެމްއޭ އިން އިފްތިތާހުކޮށްފި

ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ‘ފަވަރަ’ އާއި އިންޑިއާގެ ‘ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް’ (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މިއީ ރާއްޖޭގެ އަމިއްލަ މާލީ އިންފްރާސްޓްރަކްޗާއެއް ބައިނަލްއަގުވާމީ ޕޭމަންޓް ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ.

މި ހިދުމަތް ފެށުމާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް، އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި އެ ބޭންކުތަކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި އެކައުންޓްތަކަށް ވަގުތުން ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން މުއާމަލާތް ކުރުމުން، އިންޑިއާގައި ހުންނަ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ.

އެމްއެމްއޭ އާއި އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަގުވާމީ ގޮފި (އެންއައިޕީއެލް) ދެމެދު ވި އެއްބަސްވުމުގެ ދަށުން ތައާރަފުކުރި މި ހިދުމަތް ކުރިއަށްދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ފެށި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (ޕީ2ޕީ) މުއާމަލާތްތަކެވެ. އަދި ދެވަނަ ފިޔަވަހީގައި ކިއުއާރު ކޯޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ (ޕީ2އެމް) ނިޒާމު ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

މި ވަގުތު މި ހިދުމަތް ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށް ބޭނުންކުރެވޭއިރު، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ހުއްދަކުރެވިފައިވާ ކަންކަމަށް އެކަނި ކަމަށްވާއިރު، އޭގެ ތެރޭގައި ތައުލީމީ ހަރަދުތަކާއި، ދިގު މުއްދަތުގެ މެޑިކަލް ވިސާ އޮންނަ ދިވެހިންގެ ބޭސްފަރުވާގެ ހަރަދާއި، އާއިލީ ހަރަދުތައް ހިމެނެއެވެ.

މި ހިދުމަތުގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. ނަމަވެސް ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިހުތިޔާރު ބޭންކުތަކަށް ލިބިގެންވެއެވެ. މިއާއެކު ރާއްޖެ ވެގެންގޮސްފައިވަނީ އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަގުވާމީ ގޮތުން ގުޅާލެވުނު މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.


Headlines / ސުރުޚީ:

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close