ސިނގިރޭޓް އަގުހެޔޮކޮށް ލިބޭ އިސްލާހް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން، ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން %30 އެޑްވެލޮރަމް ޑިއުޓީއެއް ނެގުމަށް ވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
މި ބަދަލާއެކު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ތަކެތިން ނަގާ ޑިއުޓީ ވަނީ އެއްކޮށް ކަނޑާލާފައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ސިނގިރޭޓް ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން، ދުންފަތުގެ ވަގު ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މަގުސަދުގައެވެ. މި އިސްލާހުގެ ސަބަބުން ބަޖެޓަށް ލިބޭ އާމްދަނީ ދަށަށް ދިޔަ ނަމަވެސް، މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އެޅުނު ހުރަހެއް ނޫން ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ދުންފަތުގެ ވަބާއިން ޖީލުތައް ސަލާމަތް ކުރުމަށް ވޭޕް މަނާކުރުމާއި ގައުމީ ކެމްޕޭންތައް ފަދަ ހަރުދަނާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާއިރު، މި އިސްލާހަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެއެވެ. މީގެ ކުރިން ނޮވެމްބަރު 2024 ގައި ސިނގިރޭޓް ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރީ ވޭޕް މަނާކުރުމާ ގުޅިގެންނެވެ.


