ސަރުކާރު ޒިންމާދާރުކުރުވުމަށް ރައީސް ނަޝީދު އެމްޑީޕީގެ ޕީޖީ ގްރޫޕަށް އިލްތިމާސްކުރައްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނާ މިއަދު މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، މިއީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ޕީޖީ ގްރޫޕާއެކު އެމަނިކުފާނު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި ގާނޫނުއަސާސީން ލިބިދޭ ބާރުގެ ބޭނުން އެންމެ މަތީ މިންވަރަށް ހިފުމަށް މެންބަރުންނަށް އިލްތިމާސްކުރައްވާފައިކަމަށް އެ ޕާޓީން ބުނެއެވެ. އަދި މަޖިލިސް މެންބަރުން ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ހިތްވަރާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ޖުމުލަ 68.9 އިންސައްތަ ވޯޓާއެކު އިންތިހާބު ކާމިޔާބުކުރެއްވި ނަޝީދު ގެންދަވަނީ ޕާޓީގެ ހަރަކާތްތައް ރުކުރުވާލުމަށްޓަކައި ލީޑަޝިޕާއި އެކި ގުނަންތަކާ ބައްދަލުކުރައްވަމުންނެވެ. އޭގެ ތެރޭގައި ޕާޓީގެ ރައީސް ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒްގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވި މީކާއީލް އަހުމަދު ނަސީމާ ބައްދަލުކުރައްވައި، ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.


