ވިޔަފާރި

އީރާނަށް ދޭން ރޭވި ހަމަލާ މަޑުޖެއްސުމާއި ގުޅިގެން ތެލުގެ އަގު ދަށަށް ގޮސްފި

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އީރާނަށް ދޭން ރޭވި ހަމަލާ މަޑުޖައްސަވައިލައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އޭޝިއާގެ ބާޒާރުގައި މިއަދު ހެނދުނު ތެލުގެ އަގު %2 ދަށަށް ގޮސްފިއެވެ.

ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 2.26 ޑޮލަރު (ނުވަތަ %2) ދަށަށް ގޮސް، އޭގެ އަގު މިހާރު ހުރީ 109.84 ޑޮލަރުގައެވެ. މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ތެލުގެ އަގު 1.22 ޑޮލަރު ދަށަށް ގޮސް، ފީފާއަކަށް 107.44 ޑޮލަރަށް ވަނީ ތިރިވެފައެވެ. މިއީ މޭ މަހުގެ ކުރީކޮޅުން ފެށިގެން ތެލުގެ އަގު އެންމެ މައްޗަށް ދިއުމަށްފަހު އައި ބަދަލެކެވެ.

ޑަބްލިޔު.ޓީ.އައިގެ ޖޫން މަހުގެ ކޮންޓްރެކްޓް މިއަދު ހަމަވާއިރު، އެންމެ ގިނައިން ވިޔަފާރިކުރާ ޖުލައި މަހުގެ ކޮންޓްރެކްޓްގެ އަގު ވަނީ 1.63 ޑޮލަރު (ނުވަތަ %1.6) ދަށަށް ގޮސް، ފީފާއަކަށް 102.75 ޑޮލަރަށް ތިރިވެފައެވެ.

އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމުގެ “ވަރަށް ބޮޑު ފުރުސަތެއް” އެބައޮތް ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ. މިހެން ވިދާޅުވީ އަސްކަރީ ހަމަލާ ދިނުން މަޑުޖައްސަވައިލެއްވިކަން އިޢުލާން ކުރެއްވުމަށްފަހުގައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ވަނީ އަމަލީ ގޮތުން ބަންދުވެފައެވެ. މީގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއަރާފާނެތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ އިއްޔެ ކަށަވަރުކޮށްދެއްވި ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް ތެހެރާންގެ ނިންމުންތައް ވަނީ އެމެރިކާއަށް އަންގާފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ޕާކިސްތާނުގެ އޮފިޝަލަކު، ނަން ހާމަނުކުރުމަށް އެދި ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އާ ހުށަހެޅުންތަކެއް ބަދަލުކުރެވުނު ނަމަވެސް، ކަންކަން ކުރިއަށްދާ ގޮތް ވަރަށް ލަހެވެ.

އައި.އެން.ޖީގެ އެނަލިސްޓުން ފާހަގަކުރި ގޮތުގައި، ތެލުގެ ބާޒާރުން މިފަދަ ޚަބަރުތަކަށް ދޭ ސަމާލުކަން ކުޑަވެދާނެ ކަމަށް ބެލެވުނު ނަމަވެސް، ތެޔޮ ސަޕްލައިކުރުމަށް މެދުވެރިވެފައިވާ ހުރަސްތަކަކީ ބޮޑު އަދި ދުވަހުން ދުވަހަށް ކަންބޮޑުވުން އިތުރުވަމުންދާ މައްސަލައެކެވެ.

މީގެ އިތުރުން، މަޝްވަރާތައް ކުރިއަށްދާ ވަގުތު އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އޮތް ހުރަސްތައް ނައްތާލުމަށް ވޮޝިންގޓަނުން އެއްބަސްވެފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވަނީ އެ ވާހަކަ ދޮގުކުރައްވާފައެވެ.

ވަކި މައުލޫމާތެއްގެ ގޮތުގައި، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ހަކަތައަށް ބޭނުންވެފައިވާ ގައުމުތަކަށް ރަޝިޔާގެ ތެޔޮ ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއި އިތުރު 30 ދުވަހަށް އިތުރުކޮށްދެއްވާފައެވެ.

އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި އެ ގައުމުގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވުން ރެކޯޑް މިންވަރަކަށް (9.9 މިލިއަން ފީފާ) ތެޔޮ ވަނީ ނެރެފައެވެ. މިއާއެކު މިހާރު ރިޒާވްގައި ހުރި ތެލުގެ މިންވަރު ވަނީ 374 މިލިއަން ފީފާއަށް ތިރިވެފައެވެ. މިއީ ޖުލައި 2024 ގެ ފަހުން މި މިންވަރު އެންމެ ދަށަށް ދިޔަ ފަހަރެވެ.

ރޮއިޓާސްއިން ކުރި ސާވޭއަކުން އެނަލިސްޓުން ލަފާކުރާ ގޮތުގައި، މޭ 15 އަށް ނިމުނު ހަފުތާގައި އެމެރިކާގެ ރިޒާވްގައި ހުރި ތެލުގެ މިންވަރު ގާތްގަނޑަކަށް 3.4 މިލިއަން ފީފާ ވަނީ މަދުވެފައެވެ. މިކަމާ ގުޅޭ ރަސްމީ ތަފާސްހިސާބުތައް އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން މޭ 20 ގައި އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close