ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ލިވަޕޫލްގެ މައްޗަށް 2-0 އިން ކުރިހޯދައި، ޖުމްލަ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ލިވަޕޫލް ކަޓުވާލައިފިއެވެ.
އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ޕީއެސްޖީގެ ކީޕަރު ސަފޯނޯވް ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަތައް ދިފާއުކޮށްފައެވެ. މި ބައްޔާއެކު ލިވަޕޫލުން ވަނީ އެއް ސީޒަނެއްގައި ފަސް މެޗުން ބަލިވެ، އެ ޓީމުގެ ތާރީޚުގައި ޗެމްޕިއަންސް ލީގުގެ ދަށް ރެކޯޑެއް މުގުރާލާފައެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފޯވާޑް އޮސްމާން ޑެމްބެލޭއެވެ. އޭނާ ފުރަތަމަ ލަނޑު 72 ވަނަ މިނިޓްގައި ޖެހިއިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައެވެ. ލިވަޕޫލުން މި މެޗަށްވެސް މުހައްމަދު ސަލާހު ބެންޗުގައި ބައިންދައިގެން ނުކުތް ނަމަވެސް، ފުރަތަމަ ހާފުގައި އެކިޓީކޭއަށް ލިބުނު އަނިޔާއަކާ ގުޅިގެން ސަލާހު ކުޅެން އެރިއެވެ. ނަމަވެސް ޕީއެސްޖީގެ ވަރުގަދަ ޑިފެންސު ފޫއަޅުވާލައި ލަނޑެއް ޖެހޭގޮތް ލިވަޕޫލަކަށް ނުވިއެވެ.
މި މޮޅާއެކު ޕީއެސްޖީން ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމާ ދެން ބައްދަލުކުރާނެ ޓީމެއް ކަށަވަރުވާނީ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗަށް ފަހުގައެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކޮށްފައިވަނީ ބަޔާން މިއުނިކެވެ.


