އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީން މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނޮވެމްބަރު 28، 2023 ގައި އެ މަގާމަށް އައްޔަންކުރެއްވި މަތީން އިސްތިއުފާ ދެއްވިކަން “އެކްސް” މެދުވެރިކޮށް އިއުލާނު ކުރެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި މަތީންގެ އިތުރުން، މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރުވެސް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ފަހަކަށް އައިސް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައި ބަދަލެއްކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުންފުނިތަކުގެ މެނޭޖްމަންޓަށް ބަދަލުތައް ގެންނަމުންދާއިރު، މިހާތަނަށް ދެ ކުންފުންޏެއްގެ އިސްވެރިން ވަކިކޮށް، އިތުރު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

