މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމަވައިފި

މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.
މިއަދު މޫސާ އަލީ ޖަލީލާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އާދަމް މަނިކު ވިދާޅުވީ، މާލެއަށް ތަރައްގީ ގެނެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މޭޔަރަކު ހުރެގެން ކަމަށާއި، މޫސާ އަލީ ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށެވެ.
އާދަމް މަނިކު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ތަރައްގީއަށް ބޭނުންވާ ގާބިލްކަމާއި ފައިސާ ހުރީ ސަރުކާރުގައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ގެންގުޅުއްވި ބޮޑު އެޖެންޑާ ކުރިއަށް ގެންދެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ބޭފުޅަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ އަލީ ޖަލީލަކީ އަޚްލާގު ރަނގަޅު، ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ނެތް ގާބިލު ބޭފުޅެއް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވިއެވެ.
މީގެއިތުރުން، އާދަމް މަނިކު ވަނީ މިހާރުގެ ސަރުކާރަށާއި ރައީސް މުއިއްޒަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވައި، އިދިކޮޅު އެމްޑީޕީގެ މިހާރުގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އާދަމް މަނިކު ވިދާޅުވީ މިހާރު އެމްޑީޕީއެއް ނެތް ކަމަށާއި އެ ޕާޓީން މިހާރު ފެންނަނީ “ދަލު ބޭރުން” ޖެހިފައި ތިބި ބައެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަކީ ހަގީގަތުގައި އެމްޑީޕީގެ ބައެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.



