ޚަބަރު

އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ކުންފުނިން ބަލަހައްޓާ އެހެން އެއާޕޯޓްތަކުގައި ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި، މީގެ ކުރިން 1.19 ޑޮލަރަށް ވިއްކި ޖެޓް ފިއުލް ލިޓަރެއްގެ އަގު މިހާރު ވަނީ 1.69 ޑޮލަރަށް އުފުލިފައެވެ. މިއީ ލިޓަރަކުން 50 ސެންޓުގެ ބޮޑުވުމެކެވެ.

މި ބަދަލު ގެންނަން ޖެހުނީ އީރާންގެ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. މި ދަނޑިވަޅަކީ ރާއްޖޭގައި ތެޔޮ އެތެރެކުރާ މައި ކުންފުނި އެސްޓީއޯ އިން ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ރެކޯޑް މިންވަރަކަށް ބޮޑުކޮށްފައިވާ ވަގުތެކެވެ. އެގޮތުން ޕެޓްރޯލުން %18.6 އަދި ޑީސަލުން %26 ވަނީ ބޮޑުކޮށްފައެވެ.

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ކޮމެޓީގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކަށް ސަރުކާރުން ސަމާލުކަންދީގެން މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close