ޚަބަރު

ގަވާއިދު އިސްލާހުކޮށް މަގުހަދާއިރުއާއި ގެދޮރު އިމާރާތްކުރާއިރު އީއައިއޭ ހަދަން ނުޖެހޭގޮތް ހަދައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ހުރި އިދާރީ ހުރަސްތައް ނައްތާލުމުގެ ގޮތުން، މަގު ހެދުމާއި ގެދޮރު އިމާރާތްކުރުން ފަދަ 25 ބާވަތެއްގެ މަސައްކަތަކަށް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހަދަން ނުޖެހޭ ގޮތަށް އެންވާރަމެންޓް މިނިސްޓްރީން ގަވާއިދު އިސްލާހުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެނައި މި ބަދަލުގެ ދަށުން، އާންމު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތަކުގެ އިތުރުން ރަށްރަށުގައި ގާއިމުކުރާ ކުނި މެނޭޖުކުރާ މަރުކަޒުތައް ހެދުމަށް ވެސް މިހާރު އީއައިއޭ ހަދާކަށް ނުޖެހޭނެއެވެ.

މި އިސްލާހުގެ ދަށުން އާންމު ދިރިއުޅުމާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގެ ކުދި ބިންތަކުގައި ދަނޑުވެރިކަން ކުރުމާއި، ގޯތިތެރޭގައި ފެންވަޅު ބެހެއްޓުމާއި، އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން ފަދަ ކަންކަމަށް ވެސް މިހާރު އީއައިއޭ ބޭނުމެއް ނުވާނެއެވެ. މީގެ އިތުރުން، ތިމާވެއްޓަށް ބޮޑު ގެއްލުމެއް ނުވާނެ ގޮތަށް ޖަހާ މުވާސަލާތީ ޓަވަރުތަކާއި، ފަޅުތެރެ ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުން ފަދަ ކަންކަން ވެސް ވަނީ އީއައިއޭ ހަދަން ނުޖެހޭ ލިސްޓުގައި ހިމަނާފައެވެ.

ތަރައްގީގެ ދުވެލި ހަލުވިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށް ވާއިރު، މިދިޔަ އަހަރު ވަނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން “އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ” (އީއާރުއޭ) އަށް ބަދަލުކޮށް، އެ އިދާރާގެ ހިންގުމަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. ސަރުކާރުގެ އަމާޒަކީ މި ގެނެވުނު އިސްލާހުތަކާއެކު، ކައުންސިލްތަކަށާއި ސަރުކާރުގެ ވުޒާރާތަކަށް ތަރައްގީގެ މަޝްރޫއުތައް ފެށުމުގައި ހޭދަވާ ވަގުތު ސަލާމަތްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި އަވަހަށް ފޯރުކޮށްދިނުންކަމަށް ސަރުކާރުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close