ޚަބަރު

މިދިޔަ މަހުގެ އާމްދަނީ ކުޑަކޮށް ދަށްވި ނަމަވެސް ދެ މަހުން 7.2 ބިލިއަން ދައުލަތަށް ލިބުނު: މީރާ

ނިމިދިޔަ ފެބުރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.80 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށްވުރެ 11.6 އިންސައްތަ ދަށް އަދަދެއް ނަމަވެސް، މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތަށް ވަނީ ޖުމްލަ 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.12 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފެބުރުއަރީ މަހުގެ އާމްދަނީ ކުޑަކޮށް ދަށްވީ ޖީއެސްޓީ، އެއާޕޯޓް ޓެކްސް އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ މަދުވުމުންނެވެ. ނަމަވެސް، ޖުމްލަ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ޓީޖީއެސްޓީން ލިބުނު 2.3 ބިލިއަން ރުފިޔާއާއި، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު 490 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސް، ލޭންޑް އެކުއިޒިޝަން ފީ އަދި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އިން ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

މީރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު، 253 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close