ބޭރުދުނިޔެ

މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ތެލުގެ އަގު ވަރަށްބޮޑަށް އުފުލިއްޖެ

މެދުއިރުމަތީގައި އީރާނާއި އެމެރިކާ-އިސްރާއީލް ކޯލިޝަނާ ދެމެދު ކުރިއަށްދާ ވަރުގަދަ ހަނގުރާމަ އިތުރަށް ފުޅާވެ، މަސްރަޙް ނުތަނަވަސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އެއް ދުވަސް ތެރޭގައި ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ. މާރިޗު މަހުގެ 9 ވަނަ ދުވަހުގެ ވިޔަފާރި ފެށުނުއިރު ތެލުގެ އަގަށް ވަނީ %25 އަށްވުރެ ބޮޑު އުފުލުމެއް އައިސްފައެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގަށް މިހާ ކުރު މުއްދަތެއްގައި މިފަދަ ބޮޑު ބަދަލެއް އައި ފުރަތަމަ ފަހަރެވެ.

މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި، ދެފަރާތުން ވެސް ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޛް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އަދި އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމާ ގުޅިގެން، ތެޔޮ އުފުލާ ބޯޓުފަހަރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ބާޒާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ވަނީ 117.65 އެމެރިކާ ޑޮލަރަށް މައްޗަށް ގޮސްފައެވެ. މިއީ ކުރިއާ އަޅާބަލާއިރު 24.96 ޑޮލަރުގެ އިތުރުވުމެކެވެ. ހަމައެއާއެކު، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔުޓީއައި) ގެ ފީފާއެއްގެ އަގު ވަނީ 25.72 ޑޮލަރު ބޮޑުވެ، 116.62 ޑޮލަރަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

އިޤުތިޞާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، ހުރްމުޛް ކަނޑުއޮޅީގެ ޙާލަތު ރަނގަޅު ނުވެއްޖެ ނަމަ ތެލުގެ އަގު 130 ޑޮލަރަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު ވެސް ޢިރާޤުގެ ތެޔޮ އުފެއްދުން %70 އަށް ދަށްވެފައިވާއިރު، ސަޢޫދީ ޢަރަބިއްޔާ އާއި ކުވެއިތަށް ވެސް ވަނީ ތެޔޮ ރައްކާކުރާނެ ޖާގަ ހުސްވުމުގެ ސަބަބުން އުފެއްދުންތެރިކަން މަދުކުރަން ޖެހިފައެވެ. މިކަމުގެ ނޭދެވޭ އަސަރު މެދުއިރުމަތީގެ ތެލަށް ބަރޯސާވާ އޭޝިއާގެ ޤައުމުތަކަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އީރާނުގެ އެންމެ މަތީ މުރުޝިދުގެ މަޤާމަށް މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ޢައްޔަންކުރުމަކީ ހަނގުރާމަ ދިގުލައިގެންދާނެ ކަމުގެ ނިޝާނެކެވެ. މުޖްތަބާއަކީ އިސްރާއީލާއި އެމެރިކާގެ ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ ދަރިކަލުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ވެރިކަން ބަދަލުކުރުމަށް ބޭނުންފުޅުވާއިރު، އީރާނުގެ އާ ލީޑަރާއެކު ސުލްޙައިގެ ވާހަކަތަކަށް ފުރުޞަތު ކުޑަ ކަމަށް މާހިރުން ބުނެއެވެ. މީގެ އިތުރުން، އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ އިންޒާރުތަކުގެ ސަބަބުން މަސްރަޙް އިތުރަށް ގޯސްވެ، ތެލުގެ ބާޒާރަށް އޮތް ނުރައްކާ ވަނީ ބޮޑުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close