ބޭރުދުނިޔެ

ސްޕެއިން އަދި ޕޯޗުގަލްއަށް އިތުރު ތޫފާނެއް

ސްޕެއިން އަދި ޕޯޗުގަލްއަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކަށްފަހު، އަނެއްކާވެސް އާ ތޫފާނަކަށް އެ ދެ ގައުމުން ތައްޔާރުވާން ފަށައިފިއެވެ. މި ތައްޔާރުވުންތައް މިވަނީ ‘ލިއޮނާޑޯ’ ތޫފާނުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގައި ސްޕެއިންއިން މީހަކު އަދި ޕޯޗުގަލްއިން މީހަކު މަރުވެ، 11,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ހޮނިހިރު ދުވަހު ‘މާޓާ’ ތޫފާން ކައިރިވަމުން އައުމާ ގުޅިގެން، ޕޯޗުގަލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ 26,500 އަށްވުރެ ގިނަ މީހުން ސަލާމަތީ މަސައްކަތްތަކަށް ނެރެފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން، އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުން ތިން ސަރަހައްދެއްގައި ވަނީ އަންނަ ހަފުތާއަށް ފަސްކޮށްފައެވެ.

ކުރިން ކުރި ބޯ ވާރޭގައި މަގުތައް ފެނުގެ އަޑީގައި އޮވެ، ރޭލު ދަތުރުތައް މެދުކަނޑާލަން ޖެހުމާއި، އެތައް ހާސް ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން، ދެ ގައުމުން ވެސް ވަނީ އިތުރަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. ޕޯޗުގަލްގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެއެވެ.

ސްޕެއިންގެ މޫސުމާ ބެހޭ ގައުމީ އިދާރާ (Aemet) އިން ބުނި ގޮތުގައި، އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކާއި، ޚާއްޞަކޮށް އަންދަލޫސިއާ އަދި ހުޅަނގު އުތުރު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ތޫފާން އައުމުގެ ފުރުސަތު އޮތުމުން ވަނީ ‘އޮރެންޖު އެލާޓް’ ނެރެފައެވެ.

މީގެ އިތުރުން ކަސްޓީލާ-ލިއޯން، ގަލީސިއާ، މުރްސިއާ އަދި ވެލެންސިއާ ފަދަ ސަރަހައްދުތަކަށް ވެސް ވަނީ މޫސުމީ އިންޒާރުތައް ދީފައެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިފަހަރު ވެހޭނެ ކަމަށް ލަފާކުރާ ވާރޭ ‘ލިއޮނާޑޯ’ ތޫފާނާ އަޅާބަލާއިރު މަދުވި ނަމަވެސް، ކުރިން ކުރި ވިއްސާރައިގެ ސަބަބުން ބިންގަނޑު ފޯވެފައި އޮތުމުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

އަންދަލޫސިއާއަށް އަލަށް ކުރަން ފެށި ވާރޭގެ ސަބަބުން، ކުރިން ކުރި ވިއްސާރައިގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. މިހާތަނަށް އެ ސަރަހައްދުން 10,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުން ބޭރުކޮށްފައެވެ.

ގިނަ މަގުތަކެއް އަދިވެސް ބަންދުވެފައިވާއިރު، ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރުފަތުރު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ޕޯޗުގަލްގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ކޮމާންޑަރ މާރިއޯ ސިލްވެސްޓްރޭ ވިދާޅުވީ، ކުރިއަށް އޮތް މޫސުމީ ލަފާކުރުންތަކަކީ “އިންތިހާއަށް ކަންބޮޑުވާންޖެހޭ” ކަންތައްތަކެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close