ގަވާއިދާ ހިލާފަށް އުޅުނު އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި

މާލޭގެ ގުލާބީ މަގުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފިއެވެ.
މީގެ އިތުރުން މާލޭގައި ހިންގަމުންދިޔަ އިތުރު ހަތަރު ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުން ވެސް އިތުރު ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ޓާސްކްފޯސްގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އި އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ހިންގަމުންދާ ޚާއްޞަ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެ މީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަންވަރުގެ ވަގުތުތަކުގައި މަގުމަތީގައި ހަރަކާތްތެރިވާ ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކުރުމާއި، ވިޔަފާރިކުރާ ތަންތަން މޮނިޓަރ ކުރުމުގެ މަސައްކަތް ވަނީ އިތުރުކޮށްފައެވެ.

