ޚަބަރު

ސިވިލް ސާވިސް މުއައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ބަދަލަށް އަދާލަތު ޕާޓީން ތާއީދުކޮށްފި

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ބަދަލަކީ މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ސަލާމަތަށްޓަކައި އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ގެނައި މި ބަދަލަކީ އިސްލާމީ އުސޫލުތަކާއި އަޚްލާގީ މިންގަނޑުތައް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްދީނުގައި ހެދުން އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ ކަރާމާތް ރައްކާތެރިކުރުން ކަމަށެވެ. އެގޮތުން ހަށިގަނޑުގެ ބައްޓަން އެނގޭ ފަދަ ބާރު ހެދުމާއި، އެތެރެ ފެންނަ ފަދަ ތުނި ހެދުން ނުލުމަކީ ދީނީ ގޮތުން ބަލަންޖެހޭ އަސާސްތަކެއް ކަމަށާއި، މިފަދަ ހެޔޮ ބަދަލުތަކަށް ހިތްވަރު ދިނުމަކީ އިސްލާމީ ޝަރީއަތުގެ އުސޫލެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.

މީގެ އިތުރުން، އައުރަ ނިވާކުރުމަކީ ﷲ ތައާލާގެ އަމުރުފުޅަކަށް ވާތީ، އެކަމާ ދެކޮޅު ހެދުމުގެ އިހުތިޔާރު އެއްވެސް މުއުމިނަކަށް ނޯންނާނެ ކަމަށް އަދާލަތުން ބުންޏެވެ. އަދި މިފަދަ ހެޔޮ ބަދަލުތަކާ ދެކޮޅު ހަދާ ފަރާތްތަކުން ﷲ އަށް ބިރުވެތިވެ ތައުބާވުމަށް ގޮވާލަމުން، އެ ޕާޓީން ވަނީ ދީނީ މިންގަނޑުތަކަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށް ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close