ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚުގައި އެންމެ ގިނަ މީހުން އައި މަހަކަށް މިދިޔަ ޑިސެމްބަރު މަސް ވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަކަށް މިދިޔަ ޑިސެމްބަރު މަސް ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 224,000 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައި މަސް ކަމަށްވާ ފެބްރުއަރީ 2024 އާ އަޅާބަލާއިރު ތިން އިންސައްތައިގެ ކުރިއެރުމެކެވެ.
ނިމިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދުވާލަކު އަންނަ ފަތުރުވެރިންގެ ނިސްބަތުން 10 އިންސައްތައިގެ އިތުރުވުމެކެވެ. އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ ޑިސެމްބަރު 29 އެވެ. އެ ދުވަހު އެކަނިވެސް 9,900 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ފަތުރުވެރިންގެ އަދަދު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ކުޑަތަންކޮޅެއް މަދުވި ނަމަވެސް، މި ދާއިރާއިން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ޑޮލަރު ލިބިފައިވާނެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.


