ބެލޮންޑިއޯ އެވޯޑް ޑެމްބެލޭއަށް، އަންހެން އެވޯޑް ތިންވަނަ ފަހަރަށް ބޮންމާޓީ އަށް

ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑު ކަމަށްވާ ބެލޮންޑިއޯ 2025، ޕީއެސްޖީގެ ފްރާންސް ތަރި އުސްމާން ޑެމްބެލޭ ހޯދައިފިއެވެ. މިރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، ފިރިހެން ބެލޮންޑިއޯ އެވޯޑު ޑެމްބެލޭއަށް ލިބުނު އިރު، އަންހެން ކުޅުންތެރިންގެ ބައިން ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ވަނީ ތިންވަނަ ފަހަރަށް ބެލޮންޑިއޯ ހޯދައި، މި އަދަދަށް މި ޓްރޮފީ ހާސިލުކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ.
އުމުރުން 28 އަހަރުގެ ފޯވާޑް ޑެމްބެލޭއަށް މި އެވޯޑު ލިބުނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ ޕީއެސްޖީއާއެކު ފްރާންސް ލީގާއި ކަޕްގެ އިތުރުން ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. މިދިޔަ ސީޒަނުގައި ޑެމްބެލޭ ވަނީ 53 މެޗުން 35 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފައެވެ. އޭގެ ތެރޭގައި ފްރެންޗް ލީގުގައި އެކަނި 21 ލަނޑު ހިމެނެއެވެ. ބެލޮންޑިއޯ ހޯދުމަކީ އޭނާގެ ކެރިއަރުގައި ކަނޑައެޅި ޓާގެޓެއް ނޫން ކަމަށް ޑެމްބެލޭ ބުނި ނަމަވެސް، މި މަގާމު ލިބުމުން ބުނާނެ އެއްޗެއް ނޭނގޭހާ ހިތްހަމަޖެހުން ލިބިފައިވާކަން އޭނާ ބުންޏެވެ.
ރޭގެ ހަފްލާގައި ދެވަނަ ފިރިހެން ކުޅުންތެރިޔާގެ މަގާމު ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ހޯދިއިރު، ތިންވަނަ އަށް ހޮވުނީ ޕީއެސްޖީގެ ވިޓީނިއާ އެވެ. ޔަމާލް ވަނީ އުމުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ކޮޕަ ޓްރޮފީ ދެވަނަ ފަހަރަށް ހޯދާފައެވެ. މީގެ އިތުރުން އެންމެ މޮޅު ކޯޗަކަށް ޕީއެސްޖީގެ ލުއިސް އެންރިކޭ ހޮވުނުއިރު، އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހޯދީ ޖިއަންލުއީޖީ ޑޮނަރުންމާ އެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ ޕީއެސްޖީއެވެ. ފްރާންސް ފުޓްބޯޅަ ނޫހުން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަކީ، ފީފާގެ އެވޯޑަށްވުރެ މަގުބޫލުކަން ބޮޑު، ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެއް އެވޯޑު ކަމަށް ތަޖުރިބާކާރުން ދެކެއެވެ.


