ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީ އިޞްލާޙުކުރަން ރައީސް ނިންމަވައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވޭ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް މި އަހަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ހިންގުމުގެ ނިޒާމަށް ގެންނަން ގަސްދުކުރައްވާ ބައެއް ބަދަލުތަކުގެ ތެރޭގައި މި ކަން ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ޚަރަދުވެފައިވާ އިރު، އޭގެ ކުރިން ބޭއްވި ރިޔާސީ އިންތިޚާބަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވެއެވެ. މިއީ ޖުމްލަ 300 މިލިއަން ރުފިޔާއެވެ.
“މި ދެ އިންތިޚާބަކީ، އިންތިޚާބު ބާއްވާ މުއްދަތުގައި މާބޮޑު ތަފާތެއް ނޯންނަ ދެ އިންތިޚާބު ކަމަށްވާއިރު އެންމެ ރަނގަޅު ގޮތަކީ، އަދި ޚަރަދުކުޑަވާނެ ގޮތަކީ ދެ އިންތިޚާބު އެކީގައި ބޭއްވުން,” ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިގޮތަށް ދެ އިންތިޚާބު އެކުގައި ބާއްވައިފިނަމަ ދައުލަތުގެ ޚަރަދުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މި ފައިސާއަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށާއި އިޤްތިޞާދީ އަދި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންކުރެވޭނެ ފައިސާ ކަމަށް ވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސަލާމަތްވާ ފައިސާއިން ކުޑަ ރަށެއްގެ މީހުން ބޮޑު ރަށަކަށް ބަދަލުކޮށް އެއްފަސްކުރެވޭނެ ކަމަށެވެ.

