އެކައުންޓްތަކުން ފައިސާ ގެއްލޭތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފި
ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލައިގާ ރައްޔިތުންގެ މަޖިލީހަށް ބޭންކް އޮފް މޯލްޑިވްސްގެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
މޮސްޓާ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ގިނަ ބައެއްގެ ގިނަ އެކައުންޓްތަކުން ފައިސާ ގެއްލެމުންދާއިރު އަދި އެ ފައިސާ ގެއްލެނީ ފޯނާއި އިންޓަނެޓްގެ ޒަރީއާއިން ހިންގޭ ސްކޭމްތަކުން ކަމަށްވާއިރު އަދި ރައްޔިތުން ބުރަ މަސައްކަތްކޮށް ގުލާނުކޮށްގެން ހޯދާ ފައިސާ ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލޭއިރު މައްސަލަ ޕޮލިހަށް ރިޕޯޓްކޮށްގެން ގިނަ ތަކުލީފުތަކެއް އުފުލައިގެންވެސް ހައްލެއް ނުލިބޭއިރު މިކަން ބެލުމަށް ސަރުކާރަށް ގޮވާލާ ގަރާރު ހުށަހަޅުއްވާކަމަށެވެ.
މި ކުއްލި މައްސަލަ ހުށަހެޅިއިރު ހާޒިރުވެ ތިއްބެވީ 42 މެންބަރުންނެވެ. ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 33 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.


