ޚަބަރު

ނަޝީދު ފެކްޝަންގައި ހުރި މޫސާ ސިރާޖު ރައީސް ސާލިހުގެ ފެކްޝަނަށް ބަދަލުވެއްޖެ


މިހާތަނާ ޖެހެންދެން ރައީސް ނަޝީދުގެ ފެކްޝަންގައި ހުންނެވި ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖު ރައީސް ސޯލިހުގެ ކޮޅަށް އަރުއްވާ ރައީސް ސޯލިހުގެ ފެކްޝަނާ ގުޅިވަޑައިގެންފި ކަން ހާމަ ކުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލުތަފާތުވުން ތަކުގައި މިހާތަނަށް ނަޝީދު ފެކްޝަނަށް ތާއީދު ކުރައްވަމުން އައިކަމަށް ބެލެވޭ މޫސާ ސިރާޖު އޭނާގެ ވިސްނުން ބަދަލުކޮށް، ރައީސް ސާލިހުގެ ކެމްޕޭނަށް ތާއީދުކުރަން ނިންމެވިކަން ހާމަ ކުރައްވާފައި ވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފި ކަމުގައެވެ.

މޫސާ ސިރާޖް ރައީސް ސާލިހަށް ތާޢީދު ކުރައްވަން ނިންމަވާފައިވާއިރު، އޭނާ މިހާތަނަށް ފާހަވެގެން ދިޔައީ ރައްޔިތުންގެ މަޖިލިހުގައި ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވާ މެމްބަރެއްގެ ގޮތުގައެވެ. އަދި އޭނާ ގިނަ ފަހަރަށް މަޖިލިހުގައި ވާހަކަ ދައްކަވާފައިވަނީ ނަޝީދުގެ ފެކްޝަނަން ތާއީދުކުރާ މެމްބަރުންގެ ވިސްނުމާއި އެއް ލައިނަކުންކަން ފާހަގަ ކުރެވިފައި ވެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ކެމްޕޭން އެޕާޓީގެ އިސް ދެ ލީޑަރުންގެ މެދުގައި ވަރަށް ވާދަވެރިކޮށް ކުރިޔަށް ދާއިރު، ބައެއް މަޖިލިސް މެމްބަރުން އަދިވެސް ހަނު ތިއްބެވިކަން ފާހަގަ ކޮށްލެވެއެވެ. އަދި އަނެއްބައި މެމްބަރުންވަނީ ކޮޅުވެސް ބަދަލު ކޮށްފައެވެ.

މިގޮތުން މި ކެމްޕޭންގައި އެންމެ ފުތަމަ ރައީސް ސާލިހުގެ ކެމްޕޭނުގައި މަސައްކަތް ކުރެއްވުމަށްފަހު ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީ ވަނީ ކޮޅު ބަދަލު ކުރައްވާ ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close