ވާހަކަމުނިފޫހި

ކުރުވާހަކަ: އެ ތަކުލީފު

ފާތިމަތު މީޝަމް

މެންދަމުން އަލިވެ ދޭއް ޖެހިއެވެ. އަދިވެސް އާލިމްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އިރުއިރުކޮޅާ ކުޑަ ދޮރުން ބޯ ދިއްކޮށްލައެވެ. އެހެނަސް މިރޭ ބޭރަށްދާނެހައި ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. ގައިގެ އެތައް މިތަން ހިރުވަނީއެވެ. ދެތިން ފަހަރަކު ހޮޑުވެސް ލެވުނެވެ. އޭނާއަށް މިހާލު ޖެހުންގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވާނީއޭ ހިތައްއަރާ ފަހަރު ފަހަރުވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް ހިތްވަރާއެކު އަޒުމް އާ ކުރަނީއެވެ.

އާލިމަށް މިހާލު ޖެހުނީ މީގެ ދެތިން އަހަރު ކުރިން އޭނާގެ މަދަރުސީ ޙަޔާތް ނިމުނުތާ މާ ގިނަދުވަސްތަކެއް ނުވަނީސް އޭނާގެ ވިޔާނުދާ ރައްޓެހިންތަކެއްގެ ސަބަބުންނެވެ. އާލިމް އަށް އެއީ ގޯސްކަމެއްކަން އެނގުނީ މާ ފަހުންނެވެ. އޭނާގެ މަންމަ ރަނީނު އެ މީހުންނާއި ގާތްނުވާން ބުނީ ކީއްވެގެންކަން އޭނާއަށް އިހުސާސް ކުރެވުނީ ކޮޓަރީގެ ކަނެއްގައި ވިސްނަން އިންދައެވެ.

މި ހިޔާލުތައް އޭނާގެ ބޮލުތެރޭގައި އަބަދު އެނބުރި އެނބުރި ހުރެއެވެ. އެކަމަކު ގަނެފައި ހުންނަ ބިރުން އޭނާއަކަށް ނިދޭގޮތެއް ނުވެއެވެ. މީހާ އިންނަނީ ހަދާނެގޮތް ހުސްވެފައެވެ. މިކަމުން މިންޖުވާން އޭނާ ވަރަށް މަސައްކަތްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

އޭނާގެ މަންމަ ރަނީނު އަބަދުވެސް ނަސޭހަތްދެއެވެ. ކޮންމެ ނަމާދު ވަގުތެއްގައި ނަމާދަށްދާން ބުނެއެވެ. އެ ގޮތަށް އުޅުން ތަކުރާރުނުކުރުމަށް ގަދައަޅާ ހިތްވަރުގަދައެވެ. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ފައިބައިގެން އާލިމް ގެއަށް އަންނައިރަށް އޭނާގެ މަންމަ އޭނާއަށް ނަސޭހަތްތެރިވުމަށް އޭނާގެ ފަހަތުން ކޮޓަރިއަށް ވަދެއެވެ.

އެތަށް އިރުތަކެއް ވަންދެން ކޮންމެ ރެއަކުވެސް އާލިމް އާއި ވާހަކަދައްކަން އިނދެފައި އޭނާގެ ގާތު އެހެން ނޫޅުމަށް ބުނެ ނުރޯ އެންމެ ރެޔެއްވެސް ނުދެއެވެ. އާލިމްގެ އުމުރުން 21 އަހަރު ވާކަށް މާކަގިނަ ދުވަހެއްނެތެވެ. މަންމަ ނަސޭހަތް ދިނީ އެ ހިޔާލުތަކުން ދުރުވެ، އެކަންތައްތައް ތަކުރާރުނުކޮށް އެކަމުން އަރައިގަތުމަށެވެ. ވަޒީފާއަކަށް ދިޔުމެވެ. އާލިމް އަކީ ރަނގަޅަށް ތަޢުލީމު ޙާސިލްކޮށްފައިވާ ކުއްޖަކަށް ވުމުން އޭނާއަށް ފަސޭހައިން ވަޒީފާ ލިބޭނެކަމަށްވެސް މަންމަ ބުންޏެވެ.

” މަންމާ… ހާސްނުވޭ އަދި ވަގުތު ފާއިތެއްނުވެއޭ! ” އާލިމް އޭނާގެ މަންމަގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުންޏެވެ.
” މަންމާ މިކަމުން ވަރަށް އަވަހައް ސަލާމާތް ވާނަން! ” އޭނާ ދިނީ އޭނާގެ މަންމައަށް ހިތްވަރެކެވެ.
” ދަރިފުޅާ…. މުޖުތަމައުގެ މީހުން ބަލައިގަންނަ ފަދަ ރަނގަޅު ކުއްޖަކަށް ވުމަކީ މަންމަ އެންމެ ދެކެން ބޭނުންވާ މަންޒަރެއް. އެދުވަހަކުން މަންމަ ވަރަށް އުފާވާނެ ” އާލިމްގެ މަންމަ އުފަލުން އިނދެފައި ބުންޏެވެ.
އާލިމްގެ އަޒުމާއި އެއްގޮތަށް މަސައްކަތް ފަށާ މަންމަ ބޭނުންވާ ކަހަލަ ކުއްޖަކަށް ބަދަލުވުމަށް ވަނީ އާލިމް މަސައްކަތް ފަށައިފައެވެ. އަދި ކުރީގެ އެ އުޅުން ނުވަތަ މަސްތުވާތަކެތީގެ ކިބައިން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހައި ކަންކަން ކުރަން ފެއްޓިއެވެ. ކޮންމެއަކަސް މި ބަދަލަކީ މަންމަ ބޭނުންވިކަހަލަ ބަދަލެކެވެ.

އެހެންނަމަވެސް އާލިމް އިނީ މަންމަގެ ކިބައިން މަޢާފަށް އެދެން ބޭނުން ވެފައިއެވެ.
” މަންމާ… އަޅުގަނޑަށް މަޢާފުކުރޭ! މަންމަގެ ކާޑުގައި ހުރި ފައިސާތައް ގެއްލިގެން މަންމަ ވަރަށް ކަންބޮޑު ވެގެން އުޅުނީ މެއްނޫން ހެއްޔެ؟ އެ ފައިސާތައް އެއީ މީހަކު އެކައުންޓް ހެކުކުރީއެއް ނޫނެ، އޭރު ވިޔާނުދާކޮށް އުޅެވުނު ދުވަސްވަރު އަޅުގަނޑަށް މަންމަގެ ކާޑުން ފައިސާ ނެގުނީއެ. އެކަމާ މިއަދު ވަރަށް ދެރަވަމެ އަދި މަންމަ އަޅުގަނޑަށް މަޢާފުކޮށް ދެއްވާނެ ކަމަށް އުންމީދުކުރަން! މަންމާ… އައި އެމް ސޮރީ” އާލިމް ރޮމުން އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅާފައި ބުންޏެވެ.
” އާން ދަރިފުޅާ މަންމަ ދަރިފުޅަށް މަޢާފުކޮށްފިން. ތީ މަންމަގެ ފުރާނައެއް ނޫން. އެކަމަކު ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާތި އިނގޭ ދަރިފުޅާ އާލިމް” މަންމަ ހިނިތުން ވުމާއެކު ބުންޏެވެ.
އޭގެ ފަހުން އެ ދެމައިން ވަރަށް އުފަލުގައި ކުރިއަށް އޮތް ދުވަސްތައް ފާއިތުކުރަން ފަށައިފިއެވެ.
ނިމުނީ….

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close