“އިންޑިއާ އައުޓު” ކިޔާ މީހުންނަށް ޖަލު އަދަބު ދޭން ބިލް ފާސްކުރަނީ
އިންޑިއާ އައުޓު ކިޔާ މީހުންނަށް ޖަލު އަދަބު ލިބޭގޮތަށް ބިލެއް ފާސްކުރަން ތައްޔާރުވަމުން އެބަދެއެވެ.
ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށްޓަކައި، އެގާނޫނުގެ ބިލް އެކުލަވާލައި، ބިލް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވެރިކަން ކުރާ އެމްޑީޕީ އިން ފަށައިފިއެވެ.
އަންނަ ބުރާސްފަތި ދުވަހު މަޖިލީސް ޖަލްސާތައް އަލުން ފެށުމާއިއެކު މިބިލް މަޖިލީހަށް ހުށަހަޅަން އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ. މިބިލަށް ދީފައިވާ ނަމަކީ “ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް” އެވެ.
ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.
އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.
ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެއް ކަމަށް ބިލްގައި ބުނެފައި ވެއެވެ.
މިފަދަ ކަމެއް ކޮށްފި މީހަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި 20،000ރ. އިން ޖޫރިމަނާ ކުރުމާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވަނީ ހިމަނާފައެވެ.



tiulhenee iloshigadu heren minivankamaa kulheveene baa